ޕާކިސްތާން ސިފައިންގެ ބޯޓެއް ގެތަކެއްގެ މައްޗަށް ވެއްޓި 18 މަރު

ރާވަލްޕިންޑީ (ޖުލައި 30) - ޕާކިސްތާން ސިފައިންގެ އަސްކަރީ މަތިންދާ ބޯޓެއް ރާވަލްޕިންޑީ ސިޓީގެ ގެތަކެއްގެ މައްޗަށް ރޭ ވެއްޓި 18 މީހުން މަރުވެއްޖެ އެވެ.


ޕާކިސްތާން ސިފައިންގެ ހެޑްކުއާޓަރު ހުންނަ ރާވަލްޕިންޑީގެ ފަގީރު ހިސާބުގަނޑެއްގެ ގެތަކެއްގެ މައްޗަށް ބޯޓު ވެއްޓުމާ އެކު އަލިފާން ރޯވި އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ބޯޓުގައި ރޯވި އަލިފާނުން ޖައްވު އޮތީ ދިއްލާލައިފަ އެވެ.

ބޯޓު ވެއްޓުނު ހާދިސާގައި ފަސް ފަޅުވެރިންނާއި އާއްމުންގެ 13 މީހުން މަރުވި އެވެ. އަދި އިތުރު 12 މީހުން ޒަޚަމްވި ކަމަށް އޮފިޝަލުން ބުނެ އެވެ.

ބޯޓު ވެއްޓުނު ހާދިސާގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލަނީ. --ފޮޓޯ:އޭއެފްޕީ

ރާވަލްޕިންޑީ ސަރުކާރުގެ ތަރުޖަމާން ފާރޫގު ބަޓް ވިދާޅުވީ މަރުވި މީހުންގެ ހަށިގަނޑުތައް ވަރަށް ބޮޑަށް އަނދާފައި ހުރުމުން އެއީ ކޮންބައެއްތޯ ބަލަން ޑީއެންއޭ ޓެސްޓް ހަދަން ޖެހޭ ކަމަށެވެ.

އެކަކު ބުނި ގޮތުގައި ބޯޓު ވެއްޓުނީ މީހުން ނިދާފައި ތިއްބާ ދަންވަރު 2 ޖެހިއިރު އެވެ.

"ބާރު އަޑުފައްގަނޑަކަށް އަހަންނަށް ހޭލެވުނީ. ގެއިން ބޭރަށް ނުކުތް އިރު ބޮޑު އަލިފާން ގަނޑެއް ފެނުނު. ދެން އަހަރެމެން އެ ސަރަހައްދަށް ދިޔައީ،" މުހައްމަދު ސޯދިގު ކިޔާ މީހަކު ބުންޏެވެ. "އަލިފާންގަނޑު ވަރަށް މައްޗަށް ހުރި. ބެލެވޭ ގޮތުގައި އެއް އާއިލާއަކުން ހަތް މީހުން މަރުވި."

އެހެން މީހެއް ކަމަށްވާ ގުލާމް ޚާން ބުނީ ބޯޓު ވެއްޓުމުގެ ކުރިން ވަނީ އަލިފާން ރޯވެފައި ކަމަށެވެ.

ޕާކިސްތާންގެ އަސްކަރިއްޔާ އިން ބުނީ ވެއްޓުނީ ތަމްރީނުތަކެއްގައި އުޅުނު ބޯޓެއް ކަމަށެވެ.