ކުށުގެ ތުހުމަތުކުރެވޭ މީހުން ޗައިނާއާ ހަވާލުކުރެވޭ ގޮތަށް ގާނޫނު ނުހެދުމަށާއި ފުލުހުންގެ އަނިޔާތައް ތަހުގީގުކުރުމަށް ގޮވާލައި ހޮންކޮންގުގައި މުޒާހަރާކުރާ މީހުން "އަލިފާނާ ނުކުޅެން" ޗައިނާ އިން އިންޒާރު ދީފި އެވެ.
ޗައިނާ ސަރުކާރުގެ އިސް ތަރުޖަމާނަކު ވިދާޅުވީ ހޮންކޮންގުގައި މުޒާހަރާކޮށްގެން އެއްވެސް ކަމެއް ރަނގަޅުނުވާނެ ކަމަށާއި އެކަމަކު ނަތީޖާ ވާނީ ގޯސް ކަމަށެވެ. އިންޒާރު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ މައި ސަރުކާރުން ރައްދުގައި ލުއި ގޮތަކަށް ކަންތައް ކުރާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ.
ޗައިނާގެ މައި ސަރުކާރުގެ ސީދާ ކޮންޓްރޯލް ނޯންނަ ގޮތަށް، އޮޓޮނޮމަސް ސަރަހައްދެއްގެ ގޮތުގައި އޮންނަ ހޮންކޮންގުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާތާ މިހާރު ނުވަ ހަފުތާ ވެއްޖެ އެވެ.
މުޒާހަރާ ނުހުއްޓި ކުރިއަށްދާއިރު ހަމަނުޖެހުންތައް ވެސް ވަނީ އިތުރުވެފަ އެވެ. ހޯމަ ދުވަހުގެ ހަމަނުހެންތަކާ ހެދި 200 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްކުރަން ޖެހުނެވެ.
މުޒާހަރާކުރާ މީހުން ޑިމާންޑްކުރަނީ، ކުށުގެ ތުހުމަތުކުރެވޭ މީހުން ޗައިނާގެ މައި ސަރުކާރާ ހަވާލުކުރެވޭ ގޮތަށް، ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ނެގުމަށާއި މުޒާހަރާކުރާ މީހުންނަށް ފުލުހުން އަނިޔާކުރާ މައްސަލަ ތަހުގީގުކުރުމަށާއި ހޮންކޮންގުގެ ލީޑަރު ކެރީ ލެމް އިސްތިއުފާ ދެއްވުމަށެވެ.
ހޮންކޮންގާއި މަކާއޫގެ މައްސަލަތަކަށް ކަނޑައަޅާފައިވާ ތަރުޖަމާނު ޔަންގް ގުއަންގް ވިދާޅުވީ މުޒާހަރާތަކާ ގުޅިގެން ޗައިނާ އިން ފިޔަވަޅެއް ނާޅައި ކެތްތެރިކަން އިސްކުރަމުން އަންނަ ކަމަށާއި އެކަމަކު އެއީ ޗައިނާގެ ބަލިކަށި ކަމެއްގެ ގޮތުގައި ގަބޫލުކުރުމަކީ ގޯހެއް ކަމަށެވެ. އޭނާ ވިދާޅުވީ ހޮންކޮންގުގެ ލީޑަރު އިސްތިއުފާ ދެއްވަން މަޖުބޫރުކޮށްގެން ރަނގަޅުވާނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި ނަތީޖާއަކަށް ވާނީ ހޮންކޮންގުގެ ކަންކަން މިސްރާބުން ކައްސާލައި ހޮންކޮންގުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވުން ކަމަށެވެ.
ޔަންގް ވިދާޅުވީ މުޒާހަރާގެ މައިގަނޑު ކަމަކަށް އޮތީ ހަމަނުޖެހުން ހިންގުން ކަމަށާއި އެ ހަމަނުޖެހުންތަކުގެ ސަބަބުން ހުރިހާ ގެއްލުމެއް ވަނީ އާންމުންނަށް ކަމަށެވެ. އޭނާ ވިދާޅުވީ ޗައިނާއާ ދެކޮޅު ފަރާތްތަކާއި ހުޅަނގުގެ ގައުމުތައް މުޒާހަރާތަކުގެ ފަހަތުގައި އެބަ އޮތް ކަމަށެވެ.