ހޮން ކޮން (އޮގަސްޓް 13) - ޑިމޮކްރެސީ އެކްޓިވިސްޓުން ސަރުކާރާ ދެކޮޅަށް ފަށާފައިވާ ހަރަކާތްތަކުގައި އެއާޕޯޓުގައި ބާއްވަމުންދާ މުޒާހަރާތަކާ ގުޅިގެން އެތައް ހާސް ޕަސެންޖަރުންނެއް ތާށިވެއްޖެ އެވެ.
މުޒާހަރާގެ ބައިވެރިން އެއާޕޯޓުގައި އިއްޔެ މުޒާހަރާ ފެށުމާ އެކު އެތައް ސަތޭކަ ފްލައިޓެއް ވަނީ ކެންސަލް ކުރަން ޖެހިފަ އެވެ. ގައުމީ އެއާލައިން ކެތޭ ޕެސިފިކުން އެކަނި ވެސް އިއްޔެ 200 އަށް ވުރެ ގިނަ ފްލައިޓް ކެންްސަލް ކުރަން ޖެހުނު ކަމަށެވެ.
ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓްތަކުގެ ތެރޭގައި ހިމެނޭ ހޮން ކޮންގެ ބައިނަލްއަގުވާމީ އެއާޕޯޓް ވަނީ މިއަދު ހެނދުނު ހުޅުވައިފަ އެވެ. ނަމަވެސް މެންދުރު ފަހު މުޒާހަރާތައް ވަރުގަދަކުރުމާ ގުޅިގެން އަނެއްކާ ވެސް ވަނީ ފްލައިޓްތައް ކެންސަލް ކުރަން ފަށައިފަ އެވެ.
ކުށްވެރިން ޗައިނާއާ ހަވާލު ކުރަން ފާސްކުރަން އުޅުނު ބިލަކާ ދެކޮޅަށް ހޮން ކޮންގައި ފެށި މުޒާހަރާތައް ކުރިއަށް ގެންދާތާ ދިހަވަރަކަށް ހަފުތާވެއްޖެ އެވެ. ބިލް ފާސް ކުރުން މަޑުޖައްސާލާފައިވީ ނަމަވެސް މުޒާހަރާތަކަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ހޮން ކޮންގެ ލީޑަރު ކެރީ ލަމް މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މުޒާހަރާތަކުގެ ސަބަބުން ގައުމު ވަނީ އަޑިނޭނގޭ ވަޅުގަނޑަކަށް ވެއްޓިފައި ކަމަށެވެ. އަދި ގައުމުގެ ހާލަތު މިހާރު ވަނީ އަނބުރާ އިޔާދަ ނުކުރެވޭ ފަދަ ނުރައްކާތެރި ހާލަތެއްގައި ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.