އިނގިރޭސި ވިލާތުން ހިފަހައްޓާފައިވާ އީރާނުގެ ތެޔޮ ހުރި ޓޭންކަރު ގްރޭސް1. --ފޮޓޯ:އީޕީއޭ
14 އޯގަސްޓް 2019 - 13:10
ތެހެރާން (އޮގަސްޓް 14) - ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިން އަރާ ހިފެހެއްޓި އީރާނުގެ ތެޔޮ ހުރި ޓޭންކަރު ވަރަށް އަވަހަށް ދޫކޮށްލަފާނެ ކަމަށް ބެލެވޭ ކަމަށް އީރާނުގ ޕޯޓް އޮތޯރިޓީން ބުނެފި އެވެ.
އީރާނުގެ ތެޔޮ ހުރި ޓޭންކަރު މިދިޔަ މަހު ހިފެހެއްޓީ އެއީ ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ސީރިއާ އަށް އެ ޓޭންކަރުން ތެޔޮ އުފުލާ ކަމަށް ތުހުމަތުކޮށްފަ އެވެ.
"ތެޔޮ ޓޭންކަރު ގްރޭސް 1 ދޫކޮށްލަން އިނގިރޭސި ވިލާތުން މިހާރު ޝައުގުވެރިވޭ. އެކަމާ ގުޅޭ ބައެއް ލިޔެކިޔުންތައް މިހާރު ވާނީ ދެ ގައުމުން ބަދަލުކޮށްފައި. އުއްމީދު ކުރަނީ ޓޭންކަރު ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށް،" އީރާނުގެ ޕޯޓްސް އެންޑް މެރިޓައިމް އޮގަނައިޒޭޝަންގެ ޑިޕިއުޓީ ޖަލާލް އިސްލާމީ ވިދާޅުވި އެވެ.
ނަމަވެސް ޖިބްރޯލްޓާގެ އޮފިޝަލުން ވަނީ އެކަން ދޮގުކޮށްފަ އެވެ. ޖިބްރޯލްޓާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ޓޭންކަރު ހިފެހެއްޓުމުން އީރާނާ އެކު އުފެދުނު ނުތަނަވަސްކަން ކުޑަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އީރާނުގެ ތެޔޮ ބޯޓު ހިފެހެއްޓިތާ ދެ ހަފުތާ ފަހުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy