ސްރީ ލަންކާގެ ސިފައިންގެ ވެރިޔާގެ މަގާމަށް ހަމަޖެއްސި ޖެނެރަލް ޝަވެންދުރަ ސިލްވާ. --ފޮޓޯ:އޭއެފްޕީ
20 އޯގަސްޓް 2019 - 12:36
ކޮލަމްބޯ (އޮގަސްޓް 20) - ލަންކާ ސިފައިންގެ ވެރިޔާގެ މަގާމަށް، ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ތުހުމަތު ކުރެވޭ ޖެނެރަލަކު ހަމަޖެއްސުމުން ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.
މޭޖާ ޖެނެރަލް ޝަވެންދުރަ ސިލްވާ ސިފައިންގެ ވެރިޔާގެ މަގާމަށް އިއްޔެ ހަމަޖެއްސުމާ ގުޅިގެން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާ މިޝޭލް ބަޗެލެ ވިދާޅުވީ އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އދ. އިން ތުހުމަތުކޮށްފައިވާ ގޮތުގައި ލަންކާގެ ދާޚިލީ ހަނގުރާމައިގެ ފަހު ދުވަސްވަރު ހިންގި ޖަރީމާތަކުގައި ސިލްވާ ވަނީ އިސް ރޯލެއް އަދާކޮށްފަ އެވެ.
"ހަނގުރާމައިގެ ތެރޭގައި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގާފައިވާ މީހަކަށް ސިފައިންގެ ވެރިޔާގެ މަގާމު ދިނުމަކީ އދ. އިން ވަރަށް ކަންބޮޑުވާ ކަމެއް،" ކޮމިޝަނާ ވިދާޅުވި އެވެ.
ކޮލަމްބޯގައި ހުންނަ އެމެރިކާ އެމްބަސީން ބުނީ ސިފައިންގެ ވެރިޔާގެ މަގާމަށް ހަމަޖެއްސި ސިލްވާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ސީރިއަސް ކަމެއް ކަމަށެވެ.
އުމުރުން 55 އަހަރުގެ ސިލްވާ ވަނީ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ސިފައިންގެ ޑިވިޝަނެއްގެ ކޮމާންޑަރުކަން ކުރައްވައިފަ އެވެ. ސިފައިންގެ ވެރިޔާގެ ނައިބުގެ މަގާމަށް އޭނާ ވަނީ މިދިޔަ ޖެނުއަރީ މަހު ޕްރޮމޯޓް ކޮށްފަ އެވެ.
"ލެފްޓިނެންޓް ޖެނެރަލްގެ މަގާމަށް ޕްރޮމޯޓް ކުރުމަށް ފަހު ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ މޭޖާ ޖެނެރަލް ޝަވެންދުރަ ސިލްވާ އަކީ ސިފައިންގެ 23 ވަނަ ކޮމާންޑަރުގެ ގޮތުގައި ހަމަޖައްސާފައި،" ލަންކާ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޓައިގަރުންނާ ދެކޮޅަށް ކުރި ލަންކާގެ 37 އަހަރުވީ ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެނައިރު ހަނގުރާމައިގައި އެއްލައްކަ މީހުން މަރުވެފައިވާ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭން 40،000 މީހުން މަރުވީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްތަކުގައި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
22 August 2019
މި ޖެނަރަލަކީ ވަރަށް ފުއްޕައިގެން އުޅެންއުޅޭ މީހެންހެން ހީވީ! އދ އިން މީނަޔާ ދޭތެރޭ ފިޔަވަޅު އެޅުން ވެގެން ދާނީ ޖަރީމާ ހިންގި އެހެންމީސްމީހުނަށްވެސް ލިބިގެންދާ އިބުރަތަކަށް!
ބޮޑު ކެކުރި ކުޑަ ކެކުރި
20 August 2019
މިއީ މިކަން ދުނިޔޭގައި މިހާރު އޮންނަ ގޮތެވެ. މިކަމުގެ މިސާލެއްގެ ގޮތުން ޖޯޖް ބުޝް އާއި ޓްރަމްޕް އާއި ނަތަންޔާހޫ މެން ފުދޭ ނޫން ތޯއެވެ؟
އަބްދުއްالله
21 August 2019
ކަލޭގެ އަސްލު ނަން ބޭނުން ކޮށްގެން ތިޔަހެން ބުނަން ނުކެރުނީ ދޯ
ކަރީމުއްދީން ބާޝާ
20 August 2019
ލައްކާވެސް މިހާރު މިއޮއްގެން ބޯގޮވަނީ. ބޯހަލާކު.