ބޭރޫތު (އޮގަސްޓް 25) - ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ހިޒްބުﷲ ގެ ބާރު އޮންނަ ސަރަހައްދަކަށް އިޒްރޭލުން ފޮނުވާލި ދެ ޑްރޯން ވެސް ވެއްޓިފައިވާ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
ހިޒްބުﷲ ގެ ތަރުޖަމާން މުހައްމަދު އަފީފް ވިދާޅުވީ އިޒްރޭލުން ފުރަތަމަ ފޮނުވި ޑްރޯން ވެއްޓިފައި ވަނީ އެ ޖަމާއަތުގެ މީޑިއާ އޮފީހުގެ ފުރާޅު މައްޗަށް ކަމަށެވެ. އޭގެ 45 މިނިޓް ފަހުން އިޒްރޭލުން ދެ ވަނަ ޑްރޯނެއް ފޮނުވީ ފުރަތަމަ ޑްރޯނަށްވީ ގޮތް ބަލަން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ޑްރޯން ވެސް ވައިގެ ތެރޭގައި ގޮވާފައިވާ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
"އިޒްރޭލުގެ އެއްވެސް ޑްރޯނެއް ހިޒްބުﷲ އިން ވައްޓައެއް ނުލަން،" އޭޕީ އަށް އަފީފް ވިދާޅުވި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ "ބޭރުގެ ރިޕޯޓްތަކަށް" ކޮމެންޓް ނުކުރާ ކަމަށެވެ.
އިޒްރޭލުގެ ބޯޓުތަކުން އިއްޔެ ވަނީ ސިރިއާގެ ވެރިރަށް ދިމިޝްގާ ކައިރި ސަރަހައްދުތަކަކަށް ހަމަލާދީފަ އެވެ. އިޒްރޭލުގެ ބޯޓުތަކަށް ސީރިއާ އިން ވަނީ އެންޓި-އެއާކްރާފްޓް ހަމަލާ ދީފަ އެވެ.
ހިޒްބުﷲ އާއި އިޒްރޭލުން 2006 ވަނަ އަހަރު ވަނީ އެއް މަސް ދުވަހުގެ ހަނގުރާމައެއް ކޮށްފަ އެވެ.