ލަންކާގެ މުސްލިމުންނަށް ބިރު އެބައޮތް، އެކަން ސަމާލުކަމަށް ގެންނަން ޖެހޭ: ޝަހީދު

ކޮލަމްބޯ (އޮގަސްޓް 27) - ސްރީ ލަންކާގެ މުސްލިމުންނަށް އޮތް ބިރުތަކަށް ސަމާލުކަން ނުދީފި ނަމަ އެ ގައުމުން މުސްލިމުން ހިޖުރަކޮށްފާނެކަމުގެ ބިރު އެބައޮތް ކަމަށް އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް ރިލިޖަން ޑރ. އަހުމަދު ޝަހީދު އިއްޔެ ވިދާޅުވެއްޖެ އެވެ.


އޮގަސްޓް 15-26 އަށް ލަންކާ އަށް ކުރެއްވި ދަތުރަށް ފަހު ސްޕެޝަލް ރެޕަޓުއާ ނެރުއްވި ރިޕޯޓުގައި ވަނީ ލަންކާގެ ދީނީ އަދި ނަސްލީ މައްސަލަތަކަށް ސަމާލުކަން ދިނުން މުހިންމު ކަމަށް ގޮވާލައިފަ އެވެ. އަދި ނަފްރަތު އުފައްދަން މަސައްކަތް ކުރާ މީހުންނާ ދެކޮޅަށް ދައުވާކޮށް، ނަފްރަތު އުފައްދާ ނެޓްވޯކްތައްް ނައްތާލައި އަދި ނަފުރަތުގެ ޝިކާރައަކަށްވެފައި ތިބި މީހުންނަށް އިންސާފު ހޯދައިދިނުމަށް ވެސް ރެޕަޓުއާގެ ރިޕޯޓުގައި ސަރުކާރަށް ގޮވާލައިފައިވެ އެވެ.

"އީސްޓާ ބޮމުގެ ހަމަލާ އަށް ފަހު ލަންކާގެ ދީނީ އަދި ނަސްލީ ޖަމާއަތްތަކުގެ މެދުގައި ވަނީ އިތުބާރު ނުކުރުމުގެ ރޫހެއް އުފެދިފައި. މިއީ ސަމާލުކަން ނުދީ ދޫކޮށްލެވޭނެ ކަންކަމެއް ނޫން. ބޮމުގެ ހަމަލާ އަށް ފަހު ލަންކާގެ ހާލަތު ކޮންޓްރޯލުގެ ދަށަށް ސަރުކާރުން ގެނައި ނަމަވެސް އެކި ދީންތަކަށް ނިސްބަތްވާ މީހުން ތިބެން ޖެހިފައި ވަނީ އެ މީހުންގެ ސަލާމަތާ މެދު ބިރުވެރި ކަމެއްގައި،" ބާރަ ދުވަހުގެ ދަތުރަށް ފަހު ޝަހީދު ނެރުއްވި ރިޕޯޓުގައި ބުނެފައިވެ އެވެ. "މިއީ ލަންކާގެ އެންމެންގެ ހައްގުތައް ރައްކާތެރި ކުރަން ފިޔަވަޅު އަޅަންވީ ވަގުތު."

ސްރީ ލަންކާގައި އިންތިޚާބު ބާއްވަން ތައްޔާރުވަމުން އަންނަ އިރު އެންމެންގެ ވެސް އަސާސީ މިނިވަންކަމުގެ ހައްގުތައް ކަށަވަރު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ސްޕެޝަލް ރެޕަޓުއާގެ ޕްރިލިމިނަރީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޝަހީދުގެ ދަތުރުގައި ވަނީ ލަންކާ ސަރުކާރުގެ އޮފިޝަލުންނާއި ލޯކަލް އޮތޯރިޓީތަކުގެ މީހުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި ލަންކާގެ އުތުރާއި އިރުމައްޗާއި މެދުތެރޭގެ ހިސާބުތަކަށް ވަނީ ވަޑައިގެންފަ އެވެ.

ސްޕެޝަލް ރެޕަޓުއާގެ ރިޕޯޓް އަންނަ އަހަރުގެ މާޗް މަހު އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާނެ އެވެ.