އިންޑިއާ އިން ފޮނުވި އުޅަނދު ހަނދުގައި އޮއްވާ ފެނިއްޖެ

ބެންގަލޫރު (ސެޕްޓެމްބަރު 8) - މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ހަނދަށް ތިރިކުރަނިކޮށް މުވާސަލާތީ ގުޅުން ކެނޑުނު އިންޑިއާގެ ޖައްވީ އުޅަނދު ޗަންދުރަޔާން-2 ގެ ވިކްރަމް މޮޑިއުލް ހަނދުގެ ސަތަހައިގައި އޮތް ތަން ފާހަގަކުރެވިފައިވާ ކަމަށް އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ގެ ޗެއާޕާސަން ކޭ. ސިވަން މިއަދު ވިދާޅުވެއްޖެ އެވެ.


"ހަނދުގެ ސަތަހައިން ލޭންޑާ ވިކްރަމް ވަނީ ލޮކޭޓްކުރެވިފައި. އޯބިޓާ އިން ފޮނުވި ލޭންޑާގެ ތާމަލް އިމޭޖެއް މިހާރު ވަނީ ލިބިފައި. އެކަމަކު ލޭންޑާއާ އެއްވެސް މުވާސަލާތެއް އަދި ނުހިނގާ. ޖައްވީ ސްޓޭޝަނުން މިހާރު މިދަނީ މުވާސަލާތު ކުރެވޭތޯ މަސައްކަތް ކުރަމުން. އުއްމީ ކުރަނީ ވަރަށް އަވަހަށް އެކަން ކާމިޔާބުވާނެ ކަމަށް،" ސައެންސްވެރިޔާ ސިވަން ވިދާޅުވި އެވެ.

ޗަންދްރަޔާން-2 ގެ ލޭންޑާ ހުކުރު ދުވަހުގެ ރޭ ހަނދަށް ތިރިކުރަން ދިޔަ އިރު ވެސް ހުރިހާ ކަމެއް ރަނގަޅެވެ. މައްސަލަ ދިމާވީ ހަނދުގެ ސަތަހައާ 2.1 ކިލޯ މީޓަރު (1.3 މޭލު) އަށް ތިރިކުރި ފަހުން ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. ހަނދުގެ ދެކުނު ޕޯލަށް ޖައްވީ އުޅަނދު ތިރިކުރާ މަންޒަރު ބައްލަވާލެއްވުމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ބެންގަލޫރުގައި ހުންނަ ޖައްވީ ސެންޓަރަށް ވަޑައިގެންފަ އެވެ.

އިސްރޯގެ ޗެއާޕާސަން ސިވަން(ވ) އާ ބޮޑު ވަޒީރު މޯދީ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

އިސްރޯ އިން ބުނެފައި ވަނީ މުވާސަލާތީ ގުޅުން ކެނޑުނީ ވިކްރަމް މޮޑިއުލް ހަނދަށް ތިރިކުރަން ސިކުންތު ކޮޅަކަށްވެފައި ވަނިކޮށް ކަމަށެވެ.

ޗަަންދުރަޔާން-2 ޖައްވަށް އުދުއްސާލީ ޖުލައި 22 ވަނަ ދުވަހު އެވެ. އެ އުޅަނދު ހަނދުގެ އޯބިޓަށް ވަދެފައި ވަނީ އޮގަސްޓް 20 ވަނަ ދުވަހު އެވެ.

އިންޑިއާ އަކީ ހަނދަށް އުޅަނދެއް ފޮނުވާ ހަތަރު ވަނަ ގައުމެވެ. މިހާތަނަށް ހަނދަށް އުޅަނދެއް ފޮނުވާފައި ވަނީ އެމެރިކާ އާއި ސޯވިއެޓް ޔޫނިއަން އަދި ޗައިނާ އިންނެވެ.

އިންޑިއާގެ ފުރަތަމަ "މޫން މިޝަން" - ޗަންދްރަޔާން-1 ގެ ދަތުރުގައި 2008 ވަނަ އަހަރު ވަނީ ހަނދުގެ ފަށަލައިގައި ފެން ހުރިތޯ ރާޑަރުގެ އެހީގައި ބަލައިފަ އެވެ.