އީރާނުން ހިފެހެއްޓި އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރު: ވަރަށް އަވަހަށް ދޫކޮށްލާނެ. --ފޮޓޯ:އޭއެފްޕީ
09 ސެޕްޓެމްބަރ 2019 - 15:26
ތެހެރާން (ސެޕްޓެމްބަރު 9) - ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަމުން ދަނިކޮށް ޖުލައި މަހު އީރާނުން ހިފެހެއްޓި އިނގިރޭސި ތެޔޮ ޓޭންކަރު ސްޓެނާ އިމްޕެރޯ ދޫކޮށްލުމަށް ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން އައްބާސް މުސަވީ ވިދާޅުވެއްޖެ އެވެ.
"ޓޭންކަރު ދޫކޮށްލުމަށް އެންމެ ފަހުގެ ފިޔަވަޅުތައް އަޅަމުން މިހާރު ދަނީ. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޓޭންކަރު ދޫކޮށްލާނެ،" އީރާނުގެ ރަސްމީ ޓީވީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
ސްވިޑަންގައި ރަޖިސްޓްރީކޮށްފައިވާ އީރާނުގެ ތެޔޮ ހުރި ޓޭންކަރު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުން ދަނިކޮށް ރިވޮލިއުޝަނަރީ ގާޑުން އަރާ ޓޭންކަރުގެ 23 ފަޅުވެރިންނާ އެކު ހިފެހެއްޓީ ޖުލައި 19 ވަނަ ދުވަހު އެވެ. އީރާނުން މިދިޔަ ހަފުތާގައި ވަނީ އެ ޓޭންކަރުގެ ހަތް ފަޅުވެރިއަކު ދޫކޮށްލައިފަ އެވެ. ދޫކޮށްލީ އިންޑިއާގެ ފަސް ފަޅުވެރިންނާއި ލެޓްވިއާ މީހަކާއި ރަޝިޔާ ފަޅުވެރިއެކެވެ. ޓޭންކަރުގައި ދެން ބާކީ ތިބޭނީ އިންޑިއާގެ 13 ފަޅުވެރިންނާއި ރަޝިޔާގެ ދެ މީހަކާއި ފިލިޕީންސް މީހެކެވެ. ސްޓެނާ އިމްޕެރޯ މިހާރު އޮތީ އީރާނުގެ ބަންދަރު އައްބާސްގައި އެންކާ ކޮށްފަ އެވެ.
އީރާނުން ބުނެފައި ވަނީ އެ ޓޭންކަރު ހިފެހެއްޓީ ކަނޑުދަތުރުފަތުރު ކުރުމާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވުމުން ކަމަށެވެ. އެކަމަކު އެ ޓޭންކަރު ހިފެހެއްޓީ އީރާނުގެ ތެޔޮ ހުރި ޓޭންކަރަކަށް ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިން އަރާ ހިފެހެއްޓިތާ ދެ ހަފުތާ ފަހުންނެވެ. އިނގިރޭސި ވިލާތުން ބުނެފައި ވަނީ ގްރޭސް 1ގެ ނަންދީފައިވާ ޓޭންކަރު ހިފެހެއްޓީ، ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް، ސީރިއާ އަށް ތެޔޮ އުފުލާ ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ. ނަމަވެސް ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން ހުއްދަ ދިނުމުން އެ ޓޭންކަރު ވަނީ އެ ގައުމުން ފުރައިފަ އެވެ. އޮގަސްޓް 15 ވަނަ ދުވަހު ޓޭންކަރު ފުރިއިރު ވަނީ އެޑްރިއަން ޑަރިއާ 1 ގެ ނަމަށް ބަދަލުކޮށްފަ އެވެ. އީރާނުން ބުނެފައި ވަނީ ޓޭންކަރުގައި ހުރި 2.1 މިލިއަން ފީފާ ތެޔޮ ވިއްކާލާފައިވާ ކަމަށެވެ.
އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި އެޑްރިއަން ޑާރިއާ 1 މިހާރު އޮތީ ސީރިއާގެ ތަރްތޫސްގެ ބޭރުގަ އެވެ. އެމެރިކާ އިން ވަނީ އެ ޓޭންކަރު އެ ގައުމުގެ ބާރު ހިނގާ ސަރަހައްދަކަށް ގެންދިއުމަށް ކެޕްޓަނަށް ރިޝްވަތު ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިޓާ
09 September 2019
ތިސަރަހައްދުން އިގިރޭސިންދާން ބުނީމަ ދޫކޮށްލާ