އިންޑިއާ އިން ހަނދަށް ފޮނުވި ލޭންޑާ ހަލާކެއް ނުވޭ

ބެންގަލޫރު (ސެޕްޓެމްބަރު 10) - މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ހަނދަށް ތިރިކުރަނިކޮށް މުވާސަލާތީ ގުޅުން ކެނޑުނު އިންޑިއާގެ ޖައްވީ އުޅަނދު ޗަންދުރަޔާން-2 ގެ ވިކްރަމް މޮޑިއުލް ހަނދުގެ ސަތަހައިގައި އޮތީ "އެކައްޗެއްގެ ގޮތުގައި" ކަމަށާއި އެ ލޭންޑާ ހަލާކު ނުވާ ކަމަށް އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން ބުނެފި އެވެ.


"ހަނދުގައި މޮޑިއުލް ޖައްސަން އުޅެނިކޮށް ހާޑް ލޭންޑިން އަކަށް ދިޔައީ. އޯބިޓާގައި ހަރުކޮށްފައިވާ ކެމެރާއިން ފޮނުވާ ފޮޓޯތަކުން އެކަން އެނގޭ. ލޭންޑާ އޮތީ އެކައްޗެއްގެ ގޮތުގައި. އެ ހަލާކުވެގެން ނުދޭ،" އިސްރޯގެ ސީނިއާ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޭންޑާއާ މުވާސަލާތު ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށާއި އުއްމީދު އަދި ނުގެއްލޭ ކަމަށެވެ.

ޗަންދްރަޔާން-2 ގެ ލޭންޑާ ހުކުރު ދުވަހުގެ ރޭ ހަނދަށް ތިރިކުރަން ދިޔަ އިރު ވެސް ހުރިހާ ކަމެއް ރަނގަޅެވެ. މައްސަލަ ދިމާވީ ހަނދުގެ ސަތަހައާ 2.1 ކިލޯ މީޓަރު (1.3 މޭލު) އަށް ތިރިކުރި ފަހުން ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ޗަންދްރަޔާން-2 އެކުލެވިގެން ވަނީ ލޭންޑާ (ވިކްރަމް) އަދި ރޯވާ (ޕްރަގިއަން) ގެ މައްޗަށެވެ. ލޭންޑާ އާއި ރޯވާގެ މިޝަންގެ މުއްދަތަކީ ގާތްގަނޑަކަށް 14 ދުވަހެވެ.

އިސްރޯގެ ޗެއާމަން ކޭ. ސިވަން ހޮނިހިރު ދުވަހު ވިދާޅުވީ 14 ދުވަހުގެ ތެރޭގައި ލޭންޑާއާ ގުޅޭތޯ އިސްރޯ އަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"ލޭންޑާ ސޮފްޓް-ލޭންޑިއަންއަކަށް ގޮސް ސިސްޓަމްތައް މަސައްކަތް ކުރާ ނަމަ ކޮމިއުނިކޭޝަން ގާއިމް ކުރަން މާއުނދަގުލެއް ނުވާނެ،" އިސްރޯގެ އެހެން އޮފިޝަލަކު ވިދާޅުވި އެވެ. "މުހިންމު ކަމަކީ ލޭންޑާގެ އެންޓަނާތައް ގްރައުންޑް ސްޓޭޝަން ނުވަތަ އޯބިޓާއާ ދިމާވުން."

ހަނދުގެ ދެކުނު ޕޯލަށް ޖައްވީ އުޅަނދު ތިރިކުރާ މަންޒަރު ބައްލަވާލެއްވުމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ހުކުރު ދުވަހުގެ ރޭ ބެންގަލޫރުގައި ހުންނަ ޖައްވީ ސެންޓަރަށް ވަޑައިގެންފަ އެވެ.

ހަނދުގެ ސަތަހައިގައި ވިކްރަމް އޮތް ތަން ފާހަގަކުރެވިފައިވާ ކަމަށް ސިވަން ވަނީ ވިދާޅުވެފަ އެވެ

ޗަަންދުރަޔާން-2 ޖައްވަށް އުދުއްސާލީ ޖުލައި 22 ވަނަ ދުވަހު އެވެ. އެ އުޅަނދު ހަނދުގެ އޯބިޓަށް ވަދެފައި ވަނީ އޮގަސްޓް 20 ވަނަ ދުވަހު އެވެ.

އިންޑިއާ އަކީ ހަނދަށް އުޅަނދެއް ފޮނުވާ ހަތަރު ވަނަ ގައުމެވެ. މިހާތަނަށް ހަނދަށް އުޅަނދެއް ފޮނުވާފައި ވަނީ އެމެރިކާ އާއި ސޯވިއެޓް ޔޫނިއަން އަދި ޗައިނާ އިންނެވެ.

އިންޑިއާގެ ފުރަތަމަ "މޫން މިޝަން" - ޗަންދްރަޔާން-1 ގެ ދަތުރުގައި 2008 ވަނަ އަހަރު ވަނީ ހަނދުގެ ފަށަލައިގައި ފެން ހުރިތޯ ރާޑަރުގެ އެހީގައި ބަލައިފަ އެވެ.