ނަތަންޔާހޫ އަކީ ސުލްހައިގެ ހަލާކު: ފަލަސްތީން

ގުދުސް (ސެޕްޓެމްބަރު 11) - އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ސުލްހައިގެ ހަލާކު ކަމަށް ފަލަސްތީނުގެ ބޮޑު ވަޒީރު މުހައްމަދު އިޝްތަޔާ ވިދާޅުވެއްޖެ އެވެ.


އޭނާ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ އަންނަ ހަފުތާގައި އިޒްރޭލުގައި ބާއްވާ އާއްމު އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އަކީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވުމާ ގުޅިގެންނެވެ.

"ފަލަސްތީނުގެ ބިމަކީ ނަތަންޔާހޫގެ އިންތިޚާބީ ކެމްޕޭނުގެ ބައެއް ނޫން،" އިޝްތަޔާ ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ ނަތަންޔާހޫ އެގޮތަށް އަމަލު ކުރައްވައިފި ނަމަ އިޒްރޭލާ އެކު ސޮއިކޮށްފައިވާ ހުރިހާ އެއްބަސްވުމެއް ނިމުމަކަށް ގެންނާނެ ކަމަށެވެ.

ނަތަންޔާހޫގެ ޕްލޭން ވަނީ އަރަބި ލީގުގެ ޚާރިޖީ ވަޒީރުން ވެސް ކުށްވެރިކޮށްފަ އެވެ. އަދި ނަތަންޔާހޫ ކުރަން އުޅޭ ކަންތަކުގެ ސަބަބުން ފަލަސްތީން-އިޒްރޭލް ސުލްހައިގައި އެއްވެސް ކުރިއެރުމެއް ނުހޯދޭނެ ކަމަށް އަރަބި ލީގުން ބުނެފައިވެ އެވެ.

ސައުދީ އަރަބިއާ އިން ބުނެފައި ވަނީ ނަތަންޔާހޫ އިއުލާން ކުރައްވާފައި ވަނީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށެވެ. އަދި އެ މައްސަލާގައި މަޝްވަރާ ކުރުމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ސައުދީން ވަނީ ގޮވާލައިފަ އެވެ.

އިޒްރޭލްގެ ގައުމީ ޓީވީ މެދުވެރިކޮށް ނަތަންޔާހޫ ވިދާޅުވެފައި ވަނީ އާ ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ލިބިއްޖެ ނަމަ ޖޯޑަން ވެލީ އާއި ޑެޑް ސީގެ ބައެއް އެއީ އިޒްރޭލުގެ ތަނަކަށް ހަދާނެ ކަމަށެވެ.

ޖޯޑަން ވެލީ އާއި ޑެޑް ސީގެ އުތުރުގެ ސަރަހައްދަކީ ހުޅަނގު އައްސޭރީގެ 30 ޕަސެންޓެވެ. އެ ސަރަހައްދުގައި ފަލަސްތީނުގެ 65،000 މީހުންނާއި ގަވާއިދާ ޚިލާފަށް ވަދެ އުޅޭ އިޒްރޭލުގެ 11،000 މީހުން ދިރިއުޅެ އެވެ.