ސައުދީ އަށް ހަމަލާ ދޭން ހުއްދަ ދިނީ ޚާމަނާއީ: ރިޕޯޓް

ވޮޝިންޓަން (ސެޕްޓެމްބަރު 20) - ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނިން ތެޔޮ އުފައްދާ ތަންތަނަށް ޑްރޯން ހަމަލާ ދިނުމަށް ހުއްދަ ދީފައި ވަނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ކަމަށް އެމެރިކާގެ ސީބީއެސް ނިއުސް އިން ބުނެފި އެވެ.


އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ސީބީއެސް އިން ބުނީ ސައުދީ އަށް ހަމަލާ ދޭން ޚާމަނާއީ ހުއްދަކުރީ އެކަމުގައި އީރާނުގެ ބައިވެރިވުމެއް ނެތް ކަން ދައްކުވައިދިނުމުގެ ޝަރުތާ އެކު ކަމަށެވެ. އެމެރިކާގެ ބައެއް އޮފިޝަލުން ބުނެފައި ވަނީ ސައުދީ އަށް ހަމަލާ ދޭން އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޮޕްސް އިން އެ ގައުމުގެ އާވާޒް ވައިގެ ބަނދަރުގައި ތައްޔާރުވާ މަންޒަރުގެ ސެޓެލައިޓް ފޮޓޯތައް ލިބިފައިވާ ކަމަށެވެ.

އީރާނުގެ އޮފިޝަލުން ބުނީ ސައުދީ އަށް ދިން ހަމަލާގައި އީރާނުގެ އެއްވެސް ރޯލެއް ނޯންނާނެ ކަމަށް އެމެރިކާ އަށް ލިޔުމުން އަންގާފައިވާނެ ކަމަށެވެ.

ސައުދީ އަރަބިއާ އަށް ހަމަލާ ދިނީ ޔަމަނުގެ ހޫތީން ކަމަށް އެ ޖަމާއަތުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް ސައުދީ އާއި އެމެރިކާ އިން އެކަން ދޮގުކުރެ އެވެ. އެމެރިކާގެ އޮފިޝަލުން ބުނީ ސައުދީ އަށް ހަމަލާ ދިނުމަށް ބޭނުންކުރި ޑްރޯނާއި ކްރޫޒް މިސައިލް ފޮނުވާލާފައި ވަނީ އީރާނުން ކަމަށެވެ. އަދި އެކަމުގެ ހެކި ލިބިފައިވާ ކަމަށާއި އެ ހެކިތައް އަންނަ ހަފުތާގައި އދ.ގެ ޖެނެރަލް އެސެމްބްލީ އަށް ހުށަހަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ސައުދީގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ތުރްކް އަލް މަލްކީ ވިދާޅުވީ ޑްރޯންގެ ބައިތަކުން އެނގޭ ގޮތުގައި އެކަމުގައި އީރާނުގެ ބައިވެރިވުން އެބައޮތް ކަމަށެވެ.

މަލްކީ ވިދާޅުވީ އަބްގައިގުގެ ތެޔޮ ޕްލާންޓަށް 18 ޑްރޯން ހަމަލާ ދިން ކަމަށެވެ. ޚުރައިސްގެ ތެޔޮ ޕްލާންޓަށް ހަތަރު ކްރޫޒް މިސައިލް ހަމަލާ ދިން އިރު އަބްގައިގަށް ފޮނުވާލި ތިން މިސައިލް އަމާޒަށް ވާސިލްވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަލްކީ ވިދާޅުވީ ޚުރައިސް އަށް ދިން ކްރޫޒް މިސައިލް އިން އެނގޭ ގޮތުގައި އެއީ ހޫތީންގެ ގާބިލްކަމަށް ވުރެ މާ މަތީ އެއްޗެއް ކަމަށެވެ.