އީރާނުގެ އިންޒާރު: ބޭރު ގައުމުތަކުން ގަލްފާ ނުބެހި ތިބޭ

ތެހެރާން (ސެޕްޓެމްބަރު 23) - ބޭރުގެ ބައެއް ގައުމުތަކުގެ ސަބަބުން ގަލްފުގެ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ އެކަން އެގޮތަށް ނުކުރުމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ އިންޒާރު ދެއްވައިފި އެވެ.


އެމެރިކާ ސިފައިން ސައުދީ އަށް ފޮނުވަން ނިންމުމާ ގުޅިގެން ރޫހާނީ ދެއްވި އިންޒާރުގައި ވިދާޅުވީ ބޭރުގެ ސިފައިންގެ ސަބަބުން އަބަދުވެސް ލިބޭނީ "ވޭނާއި ހިތްދަތިކަން" ކަމަށެވެ.

އެމެރިކާ ސިފައިން ސައުދީ އަަށް ފޮނުވަން ނިންމީ ގައުމީ ތެޔޮ ކުންފުނި އަރާމްކޯ އިން ތެޔޮ އުފައްދާ ބައެއް ތަންތަނަށް ދިން ޑްރޯން ހަމަލާއާ ގުޅިގެން ކަމަށެވެ.

އިރާން-އިރާގު ހަނގުރާމަ (1980-1988) ފެށުނު މުނާސަބަތާ ދިމާކޮށް އީރާނުގައި ފާހަގަކުރާ "ދިފާއީ ހަފުތާ" ފެށުމުގެ ގޮތުން ދެއްވި ތަގުރީރުގައި ރޫހާނީ ވިދާޅުވީ ގަލްފުގެ ސުލްހައާ ބެހޭ ޕްލޭނެއް އީރާނުން މި ހަފުތާގައި އދ. އަށް ހުށަހަޅާނެ ކަމަށެވެ.

ގަލްފު ހަނގުރާމަ ފެށުނު މުނާސަބަތާ ދިމާކޮށް އީރާނުގައި ފާހަގަކުރާ "ދިފާއީ ހަފުތާ" ގައި ރިވޮލިއުޝަނަރީ ގާޑުގެ މިލިޓަރީ ޕެރޭޑުގައި ސެލިއުޓް ނަގަނީ. --ފޮޓޯ:އޭއެފްޕީ

"ބޭރުގެ ސިފައިންގެ ސަބަބުން މައްސަލަތައް އުފެދި މި ސަރަހައްދުގެ ރައްޔިތުންގެ ރައްކާތެރިކަން ގެއްލިގެންދޭ،" ގައުމީ ޓީވީ ވަގުތުން ދެއްކި ތަގްރީރުގައި ރޫހާނީ ވިދާޅުވި އެވެ.

މީގެ ކުރިން ގަލްފަށް ފޮނުވާފައިވާ ބޭރުގެ ސިފައިންނަކީ "މުސީބާތެއް" ކަމަށް ވިދާޅުވެ އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ރޫހާނީ އެދިވަޑައިގެންނެވި އެވެ.

"އެމެރިކާ އިޚްލާސްތެރި ނަމަ، މި ސަރަހައްދަކީ ހަތިޔާރުގެ ވާދަވެރި ރޭހެއް އޮތް ތަނަކަށް ނުހަދާނެ. މި ސަރަހައްދާ އެމެރިކާ ދުރުވި ވަރަކަށް ސަރަހައްދަށް ލިބޭ ރައްކާތެރިކަން ބޮޑުވާނެ،" ރޫހާނީ ވިދާޅުވި އެވެ.

ރޫހާނީ ވަނީ މާޒީގައި އަވަށްޓެރިން ހިންގި ގޯސް ކަންކަމުގެ މަތިން ހަނދާން ނައްތާލުމަށް ފަހު އީރާނުން ސުލްހަވާން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.