އިންޑިއާ އަށް ކުރާ ވިއްސާރައިގައި ފެންބޮޑުވެ، 100 މީހުން މަރުވެއްޖެ

ނިއު ދިއްލީ (ސެޕްޓެމްބަރު 30) - އިންޑިއާގެ އުއްތަރަ ޕްރަދޭޝް އާއި ބިހާރަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.


ފެންބޮޑުވި ސަރަހައްދުތަކުގައި ވަރަށް ހާލުގައި މީހުން އުޅޭ މަންޒަރުގެ ފޮޓޯތައް ވަނީ އާއްމުވެފަ އެވެ. ދެ ސްޓޭޓުގައި ވެސް ވަނީ ރޭލް ދަތުރުތައް މެދުކެނޑި، އެއްގަމު ދަތުރު ފަތުރަށް ބުރޫ އަރައި، ސިއްހީ ޚިދުމަތްދޭ ތަންތަނާއި ސްކޫލްތައް ބަންދުކޮށް އަދި ކަރަންޓް ކެނޑިފަ އެވެ. އުއްތަރަ ޕްރަދޭޝް ސަރުކާރުން ބުނެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 93 މީހުން މަރުވެފައިވާ ކަމަށެވެ.

އިންޑިއާގައި ފެންބޮޑުވެފައިވާ ސަރަހައްދަކުން ބަލި މީހަކު އެނދަކަށް ލައިގެން ގެންދަނީ. --ފޮޓޯ: ބީބީސީ ހިންދީ

އިރުމަތީގެ ބިހާރު ސްޓޭޓުން ވަނީ 29 މީހުން މަރުވެފަ އެވެ. ބިހާރުގެ ވެރިރަށް ޕަތުނާ އަށް ވަނީ ހުކުރު ދުވަހުން ފެށިގެން 226 މިލިމީޓަރު (8.9 އިންޗި) ގެ ވާރޭ ވެހިފަ އެވެ. ޕަތުނާގެ ނަލަންދާ މެޑިކަލް ކޮލެޖް ހޮސްޕިޓަލްގައި ފެންބޮޑުވެފައިވާ އިރު ބަލި މީހުން އެނދުތަކުގައި ތިބި މަންޒަރުގެ ފޮޓޯތައް ވަނީ އާއްމުވެފަ އެވެ.

އިންޑިއާ އަށް ކުރަމުންދާ ވިއްސާރައިގައި ބިހާރުގެ ހޮސްޕިޓަލެއްގައި ފެންބޮޑުވެފައި. --ފޮޓޯ: ބީބީސީ ހިންދީ

އިރުމަތީގެ އުއްތަރަ ޕްރަދޭޝްގައި ފެންބޮޑުވުމުން ބައްލިއާ ޖަލުން ވަނީ 500 ގައިދީން އެހެން ތަނަކަށް ބަދަލުކޮށްފަ އެވެ.

ސްޓޭޓް ސަރުކާރުން ވަނީ ފެން ހިންދުމަށް އެއާ ފޯސްގެ ހެލިކޮޕްޓަރާއި މެޝިނުގެ އެހީ އަށް އެދިފަ އެވެ.

އިންޑިއާގައި ފެންބޮޑުވެ ހާލުގައި ޖެހުނު މީހުންނަށް ނޭޝަނަލް ޑިޒާސްޓާ ރިލީފުން ދަނީ އެހީވަމުން. --ފޮޓޯ: ބީބީސީ ހިންދީ