ޚިޔާނާތުގެ ފައިސާ އިން ގަތް ޔޮޓް އަނެއްކާވެސް ވިއްކާލަނީ

ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 21) - މެލޭޝިއާގެ އިންވެސްޓްމެންޓް ބޭންކް 1އެމްޑީބީގެ ޚިޔާނާތުގެ ފައިސާ އިން 250 މިލިއަން ޑޮލަރު (އެއް ބިލިއަން ރިންގިޓް) އަށް ގަތް ސުޕަ ޔޮޓް އެ ގައުމުގެ ކުންފުންޏަކަށް 126 މިލިއަން ޑޮލަރަށް ވިއްކާލަން ނިންމާފައިވާ ކަމަށް ބުނެފައި ވަނިކޮށް އަނެއްކާވެސް އެ ޔޮޓް ވިއްކާލަން އިއުލާންކޮށްފި އެވެ.


ގާތްގަނޑަކަށް 300 ފޫޓު (90 މީޓަރު) ގެ "އިކުއަނިމިޓީ" ޔޮޓުގައި ޕޫލާއި ހެލިޕެޑަކާއި ސިނަމާއެއް ހުރެ އެވެ. ކޭމަން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ޔޮޓް ގަނެފައި ވަނީ 1އެމްޑީބީގެ ޚިޔާނާތުގައި އެންމެ ބޮޑަށް ބައިވެެރިވި ލޯ ޓައެކް ޖޯ އެވެ. އިންޑޮނީޝިއާ އިން އެ ޔޮޓް މިދިޔަ އަހަރު ހިފެހެއްޓުމަށް ފަހު އޮގަސްޓް މަހު ވަނީ މެލޭޝިއާ އަށް ގެންގޮސްފަ އެވެ.

ޚިޔާނާތުގެ ފައިސާ އިން ގަނެފައިވާ ސުޕަ ޔޮޓް. --ފޮޓޯ:އޭއެފްޕީ

ޔޮޓް ވިއްކާލި ކަމަށް ކުރިން ބުނެފައި ވަނީ ހޮޓަލާއި ރިސޯޓް ހިންގާ ކުންފުންޏެއް ކަމަށްވާ ޖެންޓިން މެލޭޝިއާ އަށް ކަމަށެވެ. މެލޭޝިއާގެ އެޓާނީ ޖެނެރަލް އެޕްރީލް މަހު ވިދާޅުވެފައި ވަނީ ޔޮޓް ވިއްކާލާ 126 މިލިއަން ޑޮލަރަކީ އެ ޔޮޓް ނީލަމަށްލީ ފަހުން ލިބުނު އެންމެ ރަނގަޅު އަގު ކަމަށެވެ.

ނަމަވެސް ޔޮޓް ކުންފުންޏެއް ކަމަށްވާ ކޭމްޕާ އެންޑް ނިކޮލްސަންގެ ލިސްޓިންގައި އެ ޔޮޓް ވިއްކާލަން އަނެއްކާވެސް ވަނީ އިއުލާންކޮށްފަ އެވެ. ޔޮޓް ވިއްކާލާ އަގެއް މިފަހަރު ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މީޑިއާ ރިޕޯޓްތަކުން ބުނެފައި ވަނީ އެ ޔޮޓް ވިއްކާލަނީ 200 މިލިއަން ޑޮލަރަށް ކަމަށެވެ. ޔޮޓް ވިއްކާލުމާ ގުޅޭ ގޮތުން ޖެންޓިން އިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ޚިޔާނާތުގެ ފައިސާ އިން ގަނެފައިވާ ސުޕަ ޔޮޓް. --ފޮޓޯ:އޭއެފްޕީ

އެ ޔޮޓް މިހާރު ވެސް ބޭނުން ކުރެ އެވެ. ޔޮޓް ކުއްޔަށް ދެނީ ހަފުތާއަކު 1.2 މިލިއަން ޑޮލަރަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކައިލީ ޖެނާގެ 22 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް ވެސް އެ ޔޮޓް ވަނީ ބޭނުންކޮށްފަ އެވެ.

1އެމްޑީބީގެ ޚިޔާނާތުގެ އަގު 4.5 ބިލިއަން ޑޮލަރަށް އަރާ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެ އެވެ.