އިންތިޚާބު ވެއްޖެ ނަމަ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ހަދާނަން: ޓްރަމްޕް

ވޮޝިންޓަން (ސެޕްޓެމްބަރު 26) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބު ވެއްޖެ ނަމަ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަންނާނެ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަރިހު ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


ނިއު ޔޯކުގެ ބިލިއަނަރު ޓްރަމްޕްގެ އަމިއްލަ ގެކޮޅު ޓްރަމްޕް ޓަވަރުގައި އިއްޔެ ނަތަންޔާހޫއާ ބައްދަލު ކުރެއްވީ ވާދަވެރި ކެންޑިޑޭޓް ހިލަރީ ކްލިންޓަނާ އެކު ފުރަތަމަ ބަހުސަށް ވަޑައިގަތުމަށް އެއް ދުވަހަށްވެފައި ވަނިކޮށެވެ.

"ގުދުސް އަކީ ޔަހޫދީންގެ ވެރިރަށް ކަމަށް ޓްރަމްޕް ގަބޫލް ކުރައްވާ. އަދި ޓްރަމްޕުގެ ވެރިކަމެއްގައި ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަންނާނެ،" ޓްރަމްޕުގެ ކެމްޕޭން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އިރުމަތީ ގުދުސް އަށް އިޒްރޭލުން ވެރިވެގަތީ 1967 ވަނަ އަހަރު ކުރި އަރަބި- އިޒްރޭލް ހަނގުރާމައިގަ އެވެ. އަދި އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ހަމަޖެއްސީ 1980 ވަނަ އަހަރު އެވެ.

އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ޓްރަމްޕް (ކ) އާއި އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ.

އެމެރިކާ އާއި އދ.ގެ މެންބަރު ގިނަ ގައުމުތަކުން ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގެންފައެއް ނުވެ އެވެ. އެމެރިކާގެ ކޮންގްރެސް އިން އޮކްޓޯބަރު 1995 ގައި ވަނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަތުމަށް ގާނޫނެއް ފާސްކޮށްފަ އެވެ. އަދި އިޒްރޭލް އެމްބަސީ ތެލް އަވީވުން ގުދުސް އަށް ބަދަލު ކުރަން ހިނގާނެ ޚަރަދު ދިނުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ. އެކަމަކު އެމެރިކާގެ އެއްވެސް ރައީސް - ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ވިޔަސް - އެ ގާނޫނު ތަންފީޒު ކުރައްވައިފައެއް ނުވެ އެވެ.

ޓްރަމްޕާ އެކު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި ގުދުސްއާ ބެހޭ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކަ އަށް އަލިއަޅުވާލައިފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެ ބަޔާނުގައި ވަނީ އިޒްރޭލުގެ ސަލާމަތީ ކަންކަމާއި މެދުއިރުމަތީގެ ސުލްހައާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށް ބުނެފަ އެވެ.

ޓްރަމްޕުގެ ބަޔާނުގައި ވަނީ އިޒްރޭލާ އެކު އަސްކަރީ ގޮތުން އިތުރަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ބުނެފަ އެވެ.

ނަތަންޔާހޫ އިއްޔެ ވަނީ ހިލަރީ ކްލިންޓަނާ ވެސް ނިއު ޔޯކުގައި ބައްދަލު ކުރައްވައިފަ އެވެ. ހިލަރީ ވަނީ ޓެރަރިސްޓް ހަމަލާތަކުގެ ނުރައްކަލުން އިޒްރޭލަށް ހިމާޔަތް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.