ލުބުނާނުގެ ކިޔަވާ ކުދިން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ
07 ނޮވެމްބަރ 2019 - 15:39
ބޭރޫތު (ނޮވެމްބަރު 7) - ލުބުނާނުގެ އެތައް ހާސް ދަރިވަރުންނެއް މިއަދު ސްކޫލަށް ނުގޮސް ސަރުކާރާ ދެކޮޅު މުޒާހަރާ އަށް ނުކުމެއްޖެ އެވެ.
ގައުމީ ދިދަތައް ހިފައިގެން ކިޔަވާ ކުދިން ވަނީ ވެރިރަށް ބޭރޫތުގައި ހުންނަ އެޑިއުކޭޝަން މިނިސްޓްރީ ކައިރިއަށް އެއްވެ އެ ކުދިންގެ ކަންބޮޑުމުގެ ޝުއޫރުތައް ހާމަކޮށްފަ އެވެ.
"ގައުމުގެ އިގްތިސާދެއް ނެތް. ކުރާނެ މަސައްކަތެއް ނެތް. ކިނެއް ކުރިމަގުގައި އަހަރެން ސަލާމަތްވާނީ؟" އެއް ދަރިވަރަކު ޝަކުވާ ކުރި އެވެ.
ކިިޔަވާ ކުދިންގެ އިތުރުން ހުރިހާ އުމުރެއްގެ މީހުން ވެސް ދަނީ ލުބުނާނުގައި މިހާރު ކުރާ މުޒާހަރާތަކުގައި ބައިވެރިވަމުންނެވެ. ލުބުނާނުގައި އިއްޔެ މުޒާހަރާ އަށް ނުކުތް މީހުން ވަނީ ސަރުކާރުގެ އޮފީސްތައް ހިސޯރުކޮށްފަ އެވެ.
މުޒާހަރާތައް ކޮންޓްރޯލުން ނެއްޓުމުން މިދިޔަ ހަފުތާގައި ވަނީ ބޮޑު ވަޒީރު ސައިދު ހަރީރީ އިސްތިއުފާ ދެއްވައިފަ އެވެ. އެކަމަކު އާ ބޮޑު ވަޒީރެއް ހަމަޖެހެންދެން ވަގުތީ ގޮތުން ސަރުކާރު ހިންގަނީ ހަރީރީ އެވެ. ނަމަވެސް މުޒާހަރާ ކުރާ މީހުން ގޮވާލަމުން ދަނީ ހަރީރީގެ ވަގުތީ ކެބިނެޓް އިސްތިއުފާދީ، ވަކި ފަރާތަކަށް ނުޖެހޭ ތަޖްރިބާކާރުންގެ ޓީމަކުން ކެބިނެޓާ ހަވާލުވުމަށެވެ.
ލުބުނާނުގައި މުޒާހަރާތައް އެންމެ ފުރަތަމަ ފެށީ ވަޓްސްއަޕް ކޯލްތަކުން ޓެކްސް ނަގަން އުޅޭތީ އެކަމާ ދެކޮޅަށެވެ. ސަރުކާރުގެ އެ ނިންމުން ބަދަލުކުރި ނަމަވެސް ފަހުން ވަނީ މުޒާހަރާތައް ވަރުގަދަވެ ގައުމުގެ އިގްތިސާދީ އަދި ސިޔާސީ މީހުންގެ ކޮރަޕްޝަނުގެ މައްސަލަތަކަށް ފޯކަސް ކުރަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރަންޖީ ހާޖީ
07 November 2019
ކުދިންނޭ ބޯގަޅިކޮށް ނޫޅޭށެވެ.