އޮކިނޯވާ (ނޮވެމްބަރު 13) - ދެ ވަނަ ބޮޑު ހަނގުރާމައިގައި ގެއްލުނު އެމެރިކާގެ ސަބްމެރިނެއް 75 އަހަރު ފަހުން، އީސްޓް ޗައިނާ ކަނޑުއަޑިން ހޯދައިފި އެވެ.
ޔޫއެސްއެސް ގްރޭބެކް ސަބްމެރިންނާއި އޭގައި ތިބި 80 ފަޅުވެރިން ގެއްލުނީ 1944 ވަނަ އަހަރު އެވެ. އޭރު އެ ސަބްމެރިންނަށް ވަނީ ޖަޕާނުގެ ހަނގުރާމަ މަތީ ބޯޓުތަކުން ހަމަލާދީފަ އެވެ. ސަބްމެރިން ފެނުނީ ޖަޕާނުގެ އޮކިނާވާގެ ކަނޑުގެ ސަރަހައްދުގެ 1،400 ފޫޓް (430 މީޓަރު) އަޑިންނެވެ.
ސަބްމެރިން ފެނުނު ޚަބަރު ވަނީ އޭގައި ތިބި 80 މީހުންގެ އާއިލާތަކަށް މިހާރު ދީފަ އެވެ.
ސަބްމެރިން ހޯދާފައި ވަނީ ދެ ވަނަ ބޮޑު ހަނގުރާމައިގައި ގެއްލުނު އެމެރިކާގެ ސަބްމެރިންތައް ހޯދާ "ލޮސްޓް 52 ޕްރޮޖެކްޓް" އިންނެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގައި ވަނީ އެމެރިކާގެ 52 ސަބްމެރިން ގެއްލިފަ އެވެ.
ދެ ވަނަ ބޮޑު ހަނގުރާމައިގައި ގެއްލުނު އިނގިރޭސި ވިލާތުގެ ސަބްމެރިނެއް ކަމަށްވާ އެޗްއެމްއެސް އާޖް ވަނީ ގާތްގަނޑަކަށް 77 އަހަރު ފަހުން، މި މަހު 1 ވަނަ ދުވަހު މޯލްޓާ ކަނޑުގެ ސަރަހައްދުން ހޯދައިފަ އެވެ. އެ ސަބްމެރިން މޯލްޓާ އިން މިސްރަށް އެޕްރީލް 29، 1942 ގައި ފުރި ގޮތަށް ޚަބަރެއް ނުވެ އެވެ. އެ ސަބްމެރިން ހޯދީ މޯލްޓާ ޔުނިވާސިޓީގެ މެރިން އާކިއޮލޮޖީ ސާވޭ ޓީމަކުންނެވެ. ސަބްމެރިން ހޯދީ 427 ފޫޓް (130 މީޓަރު) އަޑިންނެވެ.