ޔޫއެންޕީން އިއްޔެ ބޭއްވި ކެމްޕޭން އެއްވުމެއްގައި ފުލުހުން ސެކިއުރިޓީ ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ
14 ނޮވެމްބަރ 2019 - 12:33
ކޮލަމްބޯ (ނޮވެމްބަރު 14) - ސްރީ ލަންކާގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
އިންތިޚާބުގައި އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާ ސަޖިތު ޕްރަމަދާސަ އާއި ގޯޓާބޭ ރާޖަޕަކްސާ ބުދަ ދުވަހު ބޭއްވި ކެމްޕޭނުގެ ފަހު ދުވަހުގެ އެއްވުންތަކުގައި އެލީޓް ޕޮލިސް ކޮމާންޑޯ އިން ވަނީ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވެފަ އެވެ.
"ކެމްޕޭނުގެ ފަހު ދުވަހުގެ އެއްވުންތަކުގައި ހަމަނުޖެހުން ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިފައި ވަނީ. ހަމަނުޖެހުން ހިންގަފާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަވާނެ. ގޮވާތަަކެތި ހޯދަަން ޑިޓެކްޓާސް އާއި ސްނިފާ ޑޯގް ބޭނުން ކުރާނެ،" ފުލުހުންގެ ސީނިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ސަޖިތު، 52، ގެ ބައްޕާފުޅު ކުރީގެ ރައީސް ރަނަސިންހަ ޕްރަމަދާސަ އަވަހާރަކޮށްލީ 1993 ވަނަ އަހަރު ކޮލަމްބޯގައި އޮތް މެއި ޑޭގައި އަމިއްލަ އަށް މަރުވެގެން ތަމަޅަ ޓައިގަރުންގެ މީހަކު ދިން ބޮމުގެ ހަމަލާއެއްގަ އެވެ.
ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކޮއްކޯފުޅު ގޯޓާބެ، 70، ވެސް އަމިއްލަ އަށް މަރުވުމުގެ ބޮމުގެ ހަމަލާއަކުން 2006 ވަނަ އަހަރު ސަލާމަތްވީ ކިރިޔާ އެވެ. އެ ހަމަލާ ވެސް ދީފައި ވަނީ ޓައިގަރުންނެވެ.
ޔޫއެންޕީން އިއްޔެ ބޭއްވި ކެމްޕޭން އެއްވުމެއްގައި ފުލުހުން ސެކިއުރިޓީ ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ
މި އަހަރުގެ އިންތިޚާބުގެ ކެމްޕޭން އިއްޔެ ނިމިގެން ދިޔަ އިރު ނުރައްކާތެރި ހަމަލާއެއް ދީފައެއް ނުވެ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ވާދަވެރި ޕާޓީތަކުގެ މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިންގުމުގެ ގާތްގަނޑަކަށް 30 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވަނީ 60،175 ފުލުހުންނާއި ސިވިލް ޑިފެންސް ފޯސް އިން 8080 އޮފިސަރުން ނެރުމަށް ނިންމައިފަ އެވެ. މީގެ އިތުރުން ވޯޓުލާން ކަނޑައަޅާފައިވާ 12،857 ބޫތުގައި، ކޮންމެ ތަނެއްގައި ފުލުހުންގެ ދެ އޮފިސަރުން ތިބޭނެ އެވެ. ޕޯލިން ސްޓޭޝަންތައް ބެލެހެއްޓުމަށް 3،043 މޯބައިލް ޕޮލިސް ޔުނިޓް ހަރަކާތްތެރިވާނެ އެވެ.
ވޯޓު ގުނުމަށްޓަކައި 43 ސެންޓަރު ވަނީ ގާއިމްކޮށްފަ އެވެ. އެ ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް 2،193 ފުލުސް އޮފިސަރުން ހަރަކާތްތެރިވާނެ އެވެ.
ލަންކާގެ މި އަހަރުގެ އިންތިޚާބުގައި 35 ކެންޑިޑޭޓުން ވާދަކުރެ އެވެ. ވޯޓުލުމުގެ ހައްގު 18 އަހަރުން މަތީގެ 16 މިލިއަން މީހުންނަށް ލިބިގެންވެ އެވެ.
އިންތިޚާބު މޮނިޓާކުރަން ޔޫރަޕިއަން ޔޫނިއަން އިން ބުދަ ދުވަހު ވަނީ އިތުރު 30 އޮބްޒާވަރުން ފޮނުވައިފަ އެވެ. އޭގެ ކުރިން ފޮނުވި 50 އޮބްޒާވަރުން ލަންކާގައި ހަރަކާތްތެރިވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ރާޖަޕަކްސާ އާއި ގޯޓާބެ އަށް ސިންހަޅައިންގެ ބޮޑު ތާއީދެއް އޮންނަނީ ލަންކާގެ 37 އަހަރުގެ ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެނައި އިސް މޭސްތިރިންނަކީ އެއީ ކަމަށްވާތީ އެވެ. ރާޖަޕަކްސާގެ 10 އަހަރުގެ ވެރިކަމުގައި ގޯޓާބެ އަކީ ބާރުގަދަ ޑިފެންސް ސެކްރެޓަރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދަބޯރަތޭ
14 November 2019
މިފަހަރު ރަނިލް ވިކްރަމަ ސިންގްހާ ނަގާ އެއްލާލާނަމޭ އެއިރުން ހުންނާނެ ތަމެންނަށް ރަނގަޅަށް އެއްޗެއް ހަނދާން ވެފައޭ މަމެން ބުނަން ނެތީމޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށްދޭބަލަ...