ލަންކާގެ 280 ކުށްވެރިންނަށް ސިރިސޭނާ މައާފް ދެއްވައިފި

ކޮލަމްބޯ (ނޮވެމްބަރު 14) - ރިޔާސީ ދައުރު ނިމެން ދެ ދުވަހަށްވެފައި ވަނިކޮށް 280 ކުށްވެރިންނަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ މިއަދު މައާފް ދެއްވައިފި އެވެ.


ސިރިސޭނާގެ އޮފީހުން ބުނެފައި ވަނީ ކުށްވެރިންނަށް މައާފްދީފައި ވަނީ ވަކި ކްރައިޓީރިއާތަކަކަށް ބަލައިގެން ކަމަށެވެ. މައާފް ދިން މީހުންނަކީ ސީރިއަސް ކުށްތަކުގެ ގޮތުގައި ބަލައި، ވައްކަން ކުރުން، މީހުން މެރުން، ޖިންސީ އަނިޔާ ދިނުން، މަސްތުވާތަކެތި ބޭނުން ކުރުން އަދި ކުޑަ ކުދިންނާ ބެހުން ފަދަ ބޮޑެތި ކުށްތަކުގެ ކެޓަރީއަށް ފެތޭ މީހުން ނޫން ކަމަށެވެ.

މައާފް ދިން އެންމެންނަކީ ވެސް 65 އަހަރުން މަތީގެ މީހުން ކަމަށްވެ އެވެ.

ރިޔާސީ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް ގާތިލަކަށް ކުރިން މައާފް ދެއްވުމުން ސިރިސޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އިތުރުވި އެވެ.

އާ ދައުރަކަށް ވެރިކަމަށް ކުރިމަތިނުލައްވާތީ އަންނަ ހޮނިހިރު ދުވަހު ސްރީ ލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބަށް ފަހު ސިރިސޭނާގެ ރިޔާސީ ދައުރު ނިމޭނެ އެވެ.