އީރާނުގެ ރޫހާނީ ލީޑަރު ޚާމަނާއީ. --ފޮޓޯ:އޭއެފްޕީ
27 ނޮވެމްބަރ 2019 - 16:09
ތެހެރާން (ނޮވެމްބަރު 27) - ތެލުގެ އަގު ބޮޑުވި ކަމަށް ބުނެ އީރާނުގައި ހިންގި ހަމަނުޖެހުންތަކަކީ ވަރަށް ނުބައި ރޭވުމެއް ކަމަށާއި އެ ރޭވުން ފަޅާ އަރުވާލީ ރައްޔިތުން ކަމަށް ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އީރާނުގައި ހިންގި ހަމަނުޖެހުންތަކުގައި ބޭންކްތަކާއި ޕެޓްރޯލް ސްޓޭޝަންތަކުގައި ވަނީ އަލިފާން ޖަހައިފަ އެވެ. ދާޚިލީ ވަޒީރު އަބްދުލް ރިޒާ ރަހުމާނީ ފަޒްލީ ވިދާޅުވީ ހަމަނުޖެހުންތަކުގައި 731 ބޭންކާއި ސަރުކާރުގެ 140 ތަނެއްގައި އަލިފާން ޖަހާފައިވާ ކަމަށެވެ. އަދި 70 ގޭސް ސްޓޭޝަނާއި ސަލާމަތީ ފަރާތްތަކުން ބޭނުން ކުރާ 50 ބަހުގައި ވެސް ރޯކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނުބައި ރޭވުމެއް ރައްޔިތުން ވަނީ ފަޅާ އަރުވާލައި، ނިމުމަކަށް ގެނެސްފައި،" ރިވޮލިއުޝަނަރީ ގާޑުގައި ހިމެނޭ ބަސީޖް ލަޝްކަރާ ބައްދަލު ކުރައްވައި ޚާމަނާއީ ވިދާޅުވި އެވެ. "ރައްޔިތުން އަނެއްކާ ވެސް ވަނީ އެ މީހުންގެ ބާރު ދައްކާލާފައި. ދުޝްމަނުންގެ ނުބައި ރޭވުން ވަނީ ނާކާމިޔާބުކޮށްލާފައި."
ޓްވިޓާ މެދުވެރި ކުރައްވައި ޚާމަނާއީ ވަނީ އީރާނުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ދާޚިލީ ވަޒީރު ވިދާޅުވީ ހަމަނުޖެހުންތަކުގައި ދެ ލައްކަ އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ. ހަމަނުޖެހުންތައް 100 އަށް ވުރެ ގިނަ ސިޓީ އަށް ފެތުރިގެން ދިޔަ އިރު ފަހުން ވަނީ ސިޔާސީ މުޒާހަރާތަކަށް ބަދަލުވެ ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާ އަށް ގޮވައިފަ އެވެ.
ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އީރާނުގެ ސަލާމަތީ ފަރާތްތަކުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. އީރާނުން ބުނެފައި ވަނީ ހަމަނުޖެހުންތަކުގައި މަރުވީ ފަސް މީހުން ކަމަށެވެ. އެކަމަކު އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފައި ވަނީ 146 މީހުން މަރުވެފައިވާ ކަމަށެވެ.
ހަމަނުޖެހުންތަކުގެ ފަހަތުގައި، އިސް ލީޑަރުންގެ ގޮތުގައި ތިބި ކަމަށް ބެލެވޭ 180 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އީރާނުގެ ބައެއް ނިއުސް އެޖެންސީތަކުން ބުނެފައިވެ އެވެ.
އީރާނުން ބުނެފައި ވަނީ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ އެމެރިކާ، އިޒްރޭލް އަދި ސައުދީ އަރަބިއާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
27 November 2019
ސާބަހޭ ރޫހާނީ. ބާޣީންނަށް ރަނގަޅަށް ކުޅިދައްކާލާތި.