ލަކްނޯ (ޑިސެމްބަރު 6) - އިންޑިއާގެ އުތުރުގެ ހިސާބެއްގެ މުށީގެ ޕޮޓެއްގެ ތެރޭގައި ވަޅުލާފައި އޮއްވާ ފެނުނު ތުއްތު އަންހެން ކުއްޖާ މަރާ ހަނގުރާމަ ކުރަމުންދިޔަ ނަމަވެސް އެ ކުއްޖާ މިހާރު މުޅިން ރަނގަޅުވެއްޖެ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.
ތުއްތު ކުއްޖާ މިދިޔަ އޮކްޓޯބަރު މަހު މެދުތެރޭގައި ހޮސްޕިޓަލަށް ގެންދިޔަ އިރު ވަނީ ވިހައިގެ އަސަރު ވަރަށް ބޮޑަށްކޮށް، ޕްލޭޓްލެޓް ކައުންޓް ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
ތުއްތު ކުއްޖާ އަށް ފަރުވާދޭ ރަވީ ކަންނާ ވިދާޅުވީ އެ ކުއްޖާގެ ބަރުދަން އިތުރުވެ ޕްލޭޓްލެޓް ކައުންޓް ވެސް މިހާރު ނޯމަލް ކަމަށެވެ.
ތުއްތު ކުއްޖާގެ މައިންބަފައިން އަދިވެސް ހޯދިފައެއް ނުވެ އެވެ. އެހެންވެ އެ ކުއްޖާގެ ބެލެނިވެރިން ހޯދަން ކަނޑައަޅާފައި އޮންނަ މުއްދަތު ހަމަވުމުން އެޑެޕްޓްކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލާނެ އެވެ. އެ ކުއްޖާ މިހާރު އޮތީ އުއްތަރަ ޕްރަދޭޝްގެ ޗައިލްޑް ވެލްފެއާ އޮތޯރިޓީގެ ބެލުމުގެ ދަށުގަ އެވެ.
ތުއްތު ކުއްޖާ ދިރިހުއްޓާ ވަޅުލާފައި އޮއްވާ ފެނުނީ އުއްތަ ޕްރަދޭޝްގެ ބަރެއިލީ ޑިސްޓްރިކްޓުންނެވެ. ކުއްޖާ ފެނުނީ މަރުވި އެހެން ތުއްތު ކުއްޖަކު ވަޅުލަން ކޮންނަނިކޮށެވެ. މުށީގެ ޕޮޓަލަށް ލުމަށް ފަހު ކުއްޖާ އޮތީ ތިން ފޫޓު އަޑީގައި ވަޅުލާފައި ކަމަށް އެ ކުއްޖާ ފެނުނު މީހާ ބުންޏެވެ. ޕޮޓް ނެގިއިރު އެ ކުއްޖާ ދިރިއޮތް ކަމަށް އޭނާ ބުންޏެވެ.
ޑޮކްޓަރުން ބުނަނީ އެއީ ދުވަސް ނުފުރާ، 30 ހަފުތާގެ ތެރޭގައި، ވިހާފައިވާ ކުއްޖެއް ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު އެ ކުއްޖާގެ ބަރުދަނުގައި ހުރީ 1.1 ކިލޯ އެވެ.
ޑރ. ކަންނާ ވިދާޅުވީ އެ ކުއްޖާގެ ބަރުދަނުގައި މިހާރު 2.57 ކިލޯ އެބަހުރި ކަމަށެވެ. އަދި އެ ކުއްޖާ ބުއްފުޅި ވެސް މިހާރު ބޯކަމަށާއި ކުއްޖާ ވަނީ ފުރިހަމަ ސިއްހަތަކަށް އައިސްފައި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ކުއްޖާ ވަޅުލާފައި އޮތީ ކިހާއިރަކު ކަމެއް ނޭނގެ އެވެ. ނަމަވެސް ޑރ. ކަންނާ ވިދާޅުވީ އެ ވަރުގެ ކުއްޖެއްގެ ހަށިގަނޑުގައި ހުންނަ ބްރައުން ފެޓްގެ އެހީގައި ދެތިން ހަތަރު ދުވަހު ސަލާމަތުން އޮވެދާނެ ކަމަށެވެ. އެކަމަކު އަނެއްބައި ޑޮކްޓަރުން ބުނަނީ އެ ކުއްޖާ ވަޅުލާފައި އޮތް ކަމަށް ބެލެވެނީ ދެ ތިން ގަޑިއިރު ކަމަށެވެ. އަދި ޕޮޓުގެ ތެރޭގައި އެއާ ޕޮކެޓުން އޮކްސިޖަން ލިބުނީ ކަމަށް ނުވަތަ ދޫވެފައިވާ ވެލިގަނޑުގެ ތެރޭން އޮކްސިން ފިލްޓާވެގެން ކުއްޖާއާ ހަމައަށް ފޯރީ ކަމަށް ވެދާނެ ކަމަށް ވެސް ޑޮކްޓަރުން ބުނެ އެވެ.