ބެއިޖިން (ޑިސެމްބަރު 10) - ޗައިނާގެ ހުޅަނގުގެ ޝިންޖިއާން ސަރަހައްދުގެ ޖަލުތަކުގައި ބަންދުކުރި ވީގޫރު ދަރިކޮޅުގެ މުސްލިމުން "ގްރެޖުއޭޓްވުމުން" ދޫކޮށްލާފައިވާ ކަމަށް ސީނިއާ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ރީޖަނަލް ގަވަރްމެންޓް ޗެއާމަން ޝޮހްރާތު ޒާކިރު ވިދާޅުވީ ބެއިޖިން އިން ބުނާ "ތައުލީމީ މަރުކަޒުތަކުގައި" ބަންދުކުރި އެންމެން މިހާރު "ގްރެޖުއޭޓްވެއްޖެ" ކަމަށެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެފައި ވަނީ ތައުލީމީ މަރުކަޒުތަކެއް ކަމަށް ޗައިނާ އިން ބުނި ނަމަވެސް އެއީ ހުރަގެތަކެއް ކަމަށެވެ. ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ޖަލުތަކުގައި އެތައް ހާސް މުސްލިމުން ބަންދުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
ބެއިޖިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒާކިރު ވިދާޅުވީ މަރުކަޒުތަކަށް ގެންދިޔަ އެންމެން މިހާރު ވަނީ "ކޯސް" ފުރިހަމަކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިމަގުގައި އެ ސެންޓަރުތަކަށް މީހުން ގެންދާނީ އެއްވެސް މަޖްބޫރު ކުރުމެއް ނެތި، އެ މީހުންގެ އަމިއްލަ އިޚްތިޔާރުގައި ކަމަށެވެ. އަދި ސެންޓަރުތަކުން މީހުން ނެރުން ވެސް އެ މީހުންގެ އިޚްތިޔާރަށް ދޫކޮށްލާނެ ކަމަށް ވިދާޅުވި އެވެ.
މީހުން ބަންދުކުރާ މަރުކަޒުތަކުގައި ގިނަ ބަޔަކު ބަންދުކޮށްގެން ގެންގުޅޭ މައްސަލާގައި ޗައިނާ އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ނިއު ޔޯކް ޓައިމްސް އާއި ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިގޭޓިވް ޖާނަލިސްޓްސް (އައިސީއައއިޖޭ) އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ މީހުން ބަންދުކުރާ މަރުކަޒުތަކަށް ގެންދާ މީހުންގެ "ސިކުނޑި ދޮވެލުމަށް" ޗައިނާ އިން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެ މީހުން ވަކި ގޮތަކަށް ގަބޫލްކުރަން މަޖްބޫރުކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ޝިންޖިއާންގެ ޖަލުތަކުގައި ވީގޫރް ދަރިކޮޅުގެ މިލިއަނެއްހާ މުސްލިމުން ގެންގުޅޭ ކަމަށް ޚަބަރުތައް ބުނެ އެވެ.