ބޯޓަށް މިސައިލް އަރާ މަންޒަރު ވީޑިއޯ ކުރި މީހާ ހައްޔަރުކޮށްފި

ތެހެރާން (ޖެނުއަރީ 15) - އީރާނުން ފޮނުވާލި މިސައިލް ޔޫކްރޭނުގެ މަތިންދާ ބޯޓަށް އަރާ މަންޒަރު ވީޑިއޯ ކުރި މީހާ ހައްޔަރުކޮށްފި އެވެ.


ބެލެވޭ ގޮތުގައި ހައްޔަރު ކުރި މީހާގެ މައްޗަށް ގައުމީ ސަލާމަތީ ގުޅުން ހުރި ދައުވާއެއް ކުރާނެ އެވެ.

އީރާނުގެ މީޑިއާތަކުން ބުނެގައި ވަނީ ރިވޮލިއުޝަނަރީ ގާޑްސް އިން ހައްޔަރުކޮށްފައި ވަނީ ބޯޓަށް މިސައިލް އަރާ މަންޒަރު ސޯޝަލް މީޑިއާގައި ޕޯސްޓްކުރި މީހާ ކަމަށެވެ. ނަމަވެސް އެ މަންޒަރު ފުރަތަމަ ޕޯސްޓްކުރި، ލަންޑަނުގައި ދިރިއުޅޭ އީރާނުގެ ނޫސްވެރިޔާ ބުނީ އޭނާ އަށް އެ ވީޑިއޯ ދިން މީހާ ހުރީ ސަލާމަތުން ކަމަށެވެ. އަދި އީރާނުން ހައްޔަރު ކުރީ ނުބައި މީހެއް ކަމަށް އޭނާ ބުންޏެވެ.

ޔުކްރޭން އެއާލައިންސްގެ ފްލައިޓް ޕީއެސް752 ވައްޓާލާފައި ވަނީ ތެހެރާން އެއާޕޯޓުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ފުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ. އެ ހާދިސާގައި ވަނީ ބޯޓުން ދަތުރުކުރި 176 މީހުން މަރުވެފަ އެވެ. އީރާނުން ބުނެފައި ވަނީ ބޯޓަށް މިސައިލް އެރީ އޮޅުމަކުން ކަމަށެވެ. އަދި އެކަމުގައި ޒިންމާވާ މީހުން ހައްޔަރު ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

އީރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ ބޯޓު ވައްޓާލި ހާދިސާގައި ޒިންމާވާ މީހުންގެ ތަހުގީގު ކުރިއަށްދާ އިރު އެކަން "ޚާއްސަ ކޯޓަކުން" ބަލާނެ ކަމަށެވެ.

"މިއީ އާދައިގެ މައްސަލައެއް ނޫން. މި މައްސަލަ މުޅި ދުނިޔެއިން ބަލަމުންދާނެ،" ރޫހާނީ ދެއްވި ތަގްރީރުގައި ވިދާޅުވި އެވެ.

ރޫހާނީ ވިދާޅުވީ އެ ހިތާމަވެރި ހާދިސާގެ ޒިންމާ އެންމެ މީހެއްގެ ބޮލުގައި ނޭޅުވޭނެ ކަމަށެވެ.

އީރާނުން ފުރަތަމަ ވަނީ ބޯޓު ވެއްޓުނީ މިސައިލެއް އަރައިގެން ކަމަށް އެއްބަސްވާން ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ބޯޓަށް މިސައިލް އަރާ މަންޒަރު ސޯޝަލް މީޑިއާގައި ޝެއާ ކުރުމުން އީރާނުން އެންމެ ފަހުން ވަނީ ބޯޓު ވެއްޓުނީ މިސައިލެއް އަރައިގެން ކަމަށް ބުނެފަ އެވެ.