ވުހާންގެ ރޭލް ސްޓޭޝަނެއްގައި މީހަކު މިއަދު އިށީނދެލައިގެން: ޗައިނީޒް އާ އަހަރަށް މީހުންތައް ދަތުރުކުރާ އިރު ވުހާން ސިޓީ ވަނީ ކަރަންޓީނު ކޮށްފައި. --ފޮޓޯ:އޭއެފްޕީ
23 ޖެނުއަރީ 2020 - 11:14
ވުހާން (ޖެނުއަރީ 23) - ކޮރޯނާވައިރަސް ފެތުރެމުންދާ ޗައިނާގެ ވުހާން ސިޓީ މިއަދުން ފެށިގެން ކަރަންޓީނު ކޮށްފި އެވެ.
އެ ސިޓީ އަށް ފްލައިޓް ދަތުރުތައް ހުއްޓާލާފައިވާ އިރު ރޭލް ދަތުރުތައް ވަނީ ސަސްޕެންޑްކޮށްފަ އެވެ. ސަބްވޭތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އާއްމު އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. ބަލި މީހުންނަށް ފަރުވާ ދޭ ޑޮކްޓަރުން ތިބެނީ ވަރަށް ބޮޑަށް ރައްކާތެރިވާ ގޮތަށް ހެދުން އަޅައިގެންނެވެ.
ގާތްގަނޑަކަށް 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވުހާންގައި ޑިސެމްބަރު މަހު ބަލި ފެތުރެން ފެށި ފަހުން މިހާތަނަށް ވަނީ 17 މީހުން މަރުވެފަ އެވެ. އެ ވައިރަސް ވަނީ 500 އަށް ވުރެ ގިނަ މީހުންނަށް ޖެހިފަ އެވެ.
"ކޮންމެހެން ދާންޖެހޭ ކަމެއްގައި ނޫނީ ވުހާން ސިޓީން އެއްވެސް މީހަކު ދިއުން މި ވަގުތަށް ވަނީ މަނާކޮށްފައި،" ވައިރަސްއާ ދެކޮޅަށް ފިޔަވަޅު އަޅަން އުފައްދާފައިވާ ސްޕެޝަލް ކޮމާންޑް ސެންޓަރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. "މިއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅައި ފިޔަވަޅެއް."
ޗައިނާގެ ވުހާން ސިޓީން ޖަޕާނުގެ ނަރީޓާ އަށް ދިޔަ އެންމެ ފަހު ފްލައިޓުގެ ޕެސަންޖަރުން ހެލްތު ސްކްރީނިން އަށް މިއަދު ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ
ޗައިނާ އިން މި ފިޔަވަޅު އަޅާފައި ވަނީ ޗައިނީޒް އާ އަހަރަށް އެތައް ބަޔަކު ތަންތަނަށް ދިއުމަށް ތައްޔާރުވަމުން ދަނިކޮށެވެ. ޗައިނީޒް އާ އަހަރު ފެށޭނީ ހުކުރު ދުވަހު އެވެ.
ވުހާން ސިޓީގެ ޓޫރިޒަމް އެންޑް ކަލްޗާ ޑިޕާޓްމަންޓުން ވަނީ ފެބްރުއަރީ 8 އާ ހަމައަށް ހުރިހާ ގްރޫޕް ޓުއާތަކެއް ކެންސަލްކޮށްފަ އެވެ.
ވުހާން ސިޓީ ކަރަންޓީނު ކުރުމުގެ ކުރިން މި ހަފުތާގައި ވަނީ އެއާޕޯޓާއި ރޭލް ސްޓޭޝަންތަކުގައި ސްކޭނާތައް ބަހައްޓައިގެން ސްކްރީން ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައި ވަނީ ވުހާންގައި ފެތުރޭ ވައިރަސް އިންސާނުންގެ އެކެއްގެ ގައިން ގަނެކެއްގެ ގަޔަށް އަރާ ކަމަށެވެ. ވުހާން ވައިރަސް ފުރަތަމަ ފެނިފައި ވަނީ ޖަނަވާރުންގެ ކިބައިން ކަމަށް ވެސް ބުނެފައިވެ އެވެ.
ވުހާންގައި ފެތުރޭ ވައިރަސް މިހާރު ވަނީ އެމެރިކާ އާއި ޖަޕާން، ތައިލެންޑް އަދި ސައުތު ކޮރެއާ އިން ވެސް ފެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy