ކޮރޯނާވައިރަސް މެލޭޝިއާ އިން ވެސް ފެނިއްޖެ

ކުއާލަ ލަމްޕޫރު (ޖެނުއަރީ 25) - ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހިފައިވާ ތިން މީހަކު މެލޭޝިއާ އިން ވެސް މިއަދު ފެނިއްޖެ އެވެ.


މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުނީ ބަލިޖެހިފައި ވަނީ ޗައިނާގެ ވޫހާން ސިޓީން އެ ގައުމަށް ދަތުރުކުރި ތިން ޓޫރިސްޓުންނަށް ކަމަށެވެ. ބަލިޖެހިފައި ވަނީ ޗައިނާގެ 66 އަހަރުގެ އަންހެނަކާއި އޭނާގެ ދެ އަހަރާއި 11 އަހަރުގެ ފިރިހެން ދެ މާމަ ދަރިންނަށެވެ. މެލޭޝިއާގެ ހެލްތު މިނިސްޓަރު ވިދާޅުވީ އެ ތިން މީހުން މިހާރު ތިބީ ސަރުކާރުގެ ހޮސްޕިޓަލެއްގެ އައިޒޮލޭޝަން ވޯޑެއްގައި ކަމަށެވެ.

ޗައިނާގެ ވޫހާން ސިޓީގައި ޑިސެމްބަރު މަހު ފެތުރެން ފެށި ބަލީގައި މިހާތަނަށް ވަނީ އެ ގައުމުން 41 މީހުން މަރުވެފަ އެވެ. ޗައިނާގައި ވަނީ ގާތްގަނޑަކަށް 1،300 މީހުންނަށް ބަލި ޖެހިފަ އެވެ. ވައިރަސް ފެތުރޭތީ ޗައިނާގެ ހަތް ސިޓީއެއް މިހާރު ވަނީ ކަރަންޓީނު ކޮށްފަ އެވެ. ޗައިނާގައި އާ އަހަރު ފަށައިގެން އެކި މީހުން ތަންތަނަށް ދަތުރުކުރާ އިރު މި ހަތް ސިޓީގައި ދިރިއުޅޭ ގާތްގަނޑަކަށް 56 މީހުން މިހާރު ތިބީ "ރަށު ބަންދެއް"ގަ އެވެ.

ތިރީގައި މި ވަނީ ޗައިނާގެ އިތުރުން ނޮވެލް ކޮރާނޯވައިރަސް ފެނިފައިވާ ގައުމުތަކެވެ.

ހޮން ކޮންގް

ކޮރޯނާވައިރަސް ހޮން ކޮންގުން ފެނިފައި ވަނީ ފަސް މީހެއްގެ ގައިންނެވެ. އޭގެ ތެރޭން ތިން މީހަކަށް ބަލިޖެހިފައި ވަނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގަ އެވެ.

ސިންގަޕޫރު

ސިންގަޕޫރުން ވެސް ވަނީ ކޮރޯނާވައިރަސް ޖެހިފައިވާ ތިން މީހުން ފެނިފަ އެވެ. އެއީ މިދިޔަ ހޯމަ ދުވަހު ވޫހާން އިން ސިންގަޕޫރަށް ދަތުރު ކުރި 66 އަހަރުގެ ފިރިހެނަކާއި އޭނާގެ 37 އަހަރުގެ ދަރިފުޅާއި ވޫހާން އިން އަންގާރަ ދުވަހު ދަތުރުކުރި 52 އަހަރުގެ ޗައިނާގެ އަންހެނަކަށެވެ.

ފްރާންސް

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ޔޫރަޕުގެ ގައުމަކީ ފްރާންސެވެ. އެ ގައުމުން ބަލި ފެނުނު ތިން މީހުންގެ ތެރޭން އެކަކަށް ދަނީ ބޯޑޯގައި ފަރުވާ ދެމުންނެވެ. އަނެއް މީހާ އަށް ދަނީ ޕެރިހުގައި ފަރުވާ ދެމުންނެވެ. އެ ތިން މީހުން ވެސް ވަނީ ދާދި ފަހުން ޗައިނާ އަށް ދަތުރުކޮށްފަ އެވެ.

ޖަޕާން

ކޮރޯނާވައިރަސް ޖަޕާނުން މިހާތަނަށް ޖެހިފައި ވަނީ ދެ މީހަކަށެވެ. އޭގެ ތެރޭން އެކަކީ ވޫހާން އިން ޖަޕާނަށް ދަތުރުކުރި މީހެކެވެ. ދެ ވަނަ މީހާ އަކީ ދާދި ފަހުން ވޫހާން އަށް ދަތުރުކުރި ޖަޕާން މީހެކެވެ.

އޮސްޓްރޭލިއާ

ވައިރަސް ޖެހިފައިވާ ފުރަތަމަ މީހާ އޮސްޓްރޭލިއާ އިން ފެނިފައި ވަނީ ހޮނިހިރު ދުވަހު އެވެ. އެއީ މީގެ ހަފުތާއެއްހާ ދުވަސްކުރިން ޗައިނާ އިން މެލްބަން އަށް ދަތުރުކުރި މީހެކެވެ. އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ބަލި ޖެހުނު މީހާއާ އެއް ފްލައިޓުން ދަތުރު ކުރި މީހުންނަށް ގުޅައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

ނޭޕާލް

ނޭޕާލުން ވައިރަސް ފެނިފައި ވަނީ ވޫހާން އަށް ދަތުރުކުރި 32 އަހަރުގެ ފިރިހެނެއްގެ ގައިންނެވެ. ކަރަންޓީނުކޮށްގެން ފަރުވާ ދިނުމަށް ފަހު އެ މީހާ ރަނގަޅުވުމުން ދޫކޮށްލާފައިވާ ކަމަށް ނޭޕާލުގެ ހެލްތު އޮފިޝަލުން ބުނެ އެވެ. ބައްޔަށް ޝައްކު ކުރެވޭ މީހުން ސްކްރީން ކުރުމުގެ ޕްރޮގްރާމް ނޭޕާލް އެއާޕޯޓުގައި ވަނީ ފަށައިފަ އެވެ.

ސައުތު ކޮރެއާ

ސައުތު ކޮރެއާ އިން ވެސް ވަނީ ކޮރޯނާވައިރަސް ޖެހިފައިވާ ދެ މީހަކު ފެނިފަ އެވެ. އޭގެ ތެރޭން އެކަކީ ވޫހާންގައި އުޅުމަށް ފަހު ކޮރެއާ އަށް ދިޔަ މީހެކެވެ. ދެ ވަނަ މީހާއަކީ ވެސް ވޫހާން އަށް ދަތުރުކުރި 35 އަހަރުގެ އަންހެކެވެ.

ޓައިވާން

ކޮރޯނާވައިރަސް ޓައިވާނުން ފެނިފައި ވަނީ ތިން މީހެއްގެ ގައިންނެވެ. ޓައިވާނުން މިހާރު ވަނީ ވޫހާން ސިޓީން އަންނަ މީހުން އަނބުރާ ފޮނުވާލަން ނިންމައިފަ އެވެ. ޗައިނާ އާއި ހޮން ކޮން އަދި މަކާއޫ އިން ޓައިވާނަށް ދަތުރުކުރާ އެންމެން ސްކްރީންކޮށް ހެލްތު ފޯމެއް ފުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ތައިލެންޑް

ތައިލެންޑުން މިހާތަނަށް ވައިރަސް ފެނިފައި ވަނީ ހަތަރު މީހެއްގެ ގައިންނެވެ. އޭގެ ތެރޭން ތިން މީހުންނަކީ ވޫހާން އިން ދަތުރު ކުރި ޗައިނާގެ ތިން މީހުންނެވެ. އަނެއް މީހާ އަކީ ވޫހާން އިން ތައިލެންޑަށް ދިޔަ އެ ގައުމުގެ 73 އަހަރުގެ އަންހެކެވެ.

އެމެރިކާ

އެމެރިކާ އިން ކޮރޯނާވައިރަސް ފުރަތަމަ ފެނިފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ދެ ވަނަ މީހާ ފެނިފައި ވަނީ ހުކުރު ދުވަހު އެވެ. އެ ދެ މީހުންގެ ހާލު ވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އޮފިޝަލުން ބުނެ އެވެ.

ވިއެޓްނާމް

ވައިރަސް ޖެހިފައިވާ ދެ މީހަކު ވިއެޓްނާމުން ފެނިފައި ވަނީ ބުރާސްފަތި ދުވަހު އެވެ. ބަލި ޖެހުނު ފުރަތަމަ މީހަކީ މި މަހު ކުރީކޮޅު ވޫހާން އަށް ދަތުރު ކުރި މީހެކެވެ. އެކަމަކު އޭނާގެ ފަރާތުން ފިރިހެން ދަރިއަކަށް ވައިރަސް ވަނީ ޖެހިފަ އެވެ. އެ ދެ މީހުންނަށް ވެސް ދަނީ ފަރުވާ ދެމުންނެވެ.