ވޫހާން (ޖެނުއަރީ 27) - ވޫހާންގައި ފެތުރެމުންދާ ކޮރޯނާވަައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުން އިތުރުވެ މިހާތާނަށް 80 މީހުން މަރުވެފައިވާ އިރު އެ ބަލި ވަނީ ގާތްގަނޑަކަށް 3،000 މީހުންނަށް ޖެހިފަ އެވެ.
ޗައިނާގެ އާ އަހަރުގެ ޗުއްޓީ އަށް މިހާރު ވަނީ ތިން ދުވަސް އިތުރުކޮށްފަ އެވެ.
ވައިރަސް އެންމެ ބޮޑަށް ފެތުރޭ ހުބެއި ޕްރޮވިންސްގެ ވެރިރަށް ވޫހާން ސިޓީ އަށް ޗައިނާގެ ބޮޑު ވަޒީރު ލި ކެގިއަން މިއަދު ވަނީ ވަޑައިގެންފަ އެވެ. ލީ ވަނީ ބައެއް ބަލި މީހުންނާއި މެޑިކަލް ސްޓާފުންނާ ބައްދަލު ކުރައްވައި މައުލޫމާތު އޮޅުން ފިލުއްވައިފަ އެވެ.
ބަލިޖެހިގެން ހުބެއި ޕްރޮވިންސް އިން މަރުވި މީހުންގެ އަދަދު ވަނީ 76 އަށް އަރައިފަ އެވެ. ޗައިނާގެ އެހެން ހިސާބުތަކުން ވަނީ ހަތަރު މީހަކު މަރުވެފަ އެވެ.
ޗައިނާ އިން ބޭރުން ކޮރޯނާވައިރަސް ޖެހިފައި ވަނީ 44 މީހަކަށެވެ. އެކަމަކު އެ ވައިރަސް ޖެހިގެން ޗައިނާ ފިޔަވައި އެހެން ގައުމަކުން އަދި މީހަކު މަރުވެފައެއް ނުވެ އެވެ.
ވުހާން އާއި ބަލި ފެތުރޭ އެހެން ސިޓީތައް ވަނީ ކަރަންޓީންކޮށްފަ އެވެ.
ގާތްގަނޑަކަށް 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވޫހާން ސިޓީގެ މޭޔަރު ޒޫ ޒިއާންވަންގް ވިދާޅުވީ ވައިރަސް ޖެހޭ މީހުން އަދި ވެސް އިތުރުވާނެ ކަމަށެވެ. އަދި ވޫހާން ކަރަންޓީނު ކުރުމުގެ ކުރިން އާ އަހަރުގެ ޗުއްޓީ އަށް އެ ސިޓީން ގާތްގަނޑަކަށް ފަސް މިލިއަން މީހުން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮރޯނާވައިރަސް މިހާތަނަށް ޖެހިފައި ވަނީ 2،744 މީހުންނަށެވެ. އޭގެ ތެރޭން 461 މީހެއްގެ ހާލު ސީރަސް ކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެ އެވެ. ފަރުވާ ދިނުމަށް ފަހު ވަނީ 51 މީހުން ދޫކޮށްލައިފަ އެވެ.
ވޫހާން ސިޓީގެ ލޯކަލް ކައުންސިލުން ބުނީ ވޭތުވެދިޔަ ހަތަރު ދުވަސްތެރޭ އެ ސިޓީން އެކަކު ވެސް ބޭރަށް ގޮސްފައި ނުވާ ކަމަށެވެ. ވޫހާންގެ 4،096 ޓޫރިސްޓުން މިހާރު ތިބީ ޗައިނާ އިން ބޭރުގަ އެވެ.
ހުބެއި ޕޮވިންސްގައި ބަލި ކޮންޓްރޯލް ކުރުމުގެ އެކި މަސައްކަތްތަކުގައި ދަނީ ބައި މިލިއަނަށް ވުރެ ގިނަ މެޑިކަލް ސްޓާފުން ހަރަކާތްތެރިވަމުންނެވެ. މާސްކް ހުސްވާތީ ފެކްޓަރީތަކުން މިހާރު ދަނީ މާސްކް އިތުރަށް އުފައްދަމުންނެވެ. ވޫހާންގައި ދަނީ ވަގުތީ ދެ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭން 1،000 އެނދުގެ އެއް ހޮސްޕިޓަލް ހަ ދުވަސް ތެރޭ ނިންމަން ރެއާއި ދުވާލު ދަނީ މަސައްކަތް ކުރަމުންނެވެ.