މެއި 9، 2018 ގައި ބޭއްވި ކެބިނެޓުގެ ބައްދަލުވުމެއްގައި އޭރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަންއާ އެކު ރައީސް ޓްރަމްޕް މަޝްވަރާ ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
27 ޖެނުއަރީ 2020 - 13:35
ވޮޝިންޓަން (ޖެނުއަރީ 27) - ސިޔާސީ ވާދަވެރިއެއް ކަމަށްވާ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ މައްސަލަ ތަހުގީގު ނުކުރަންޏާ ޔުކްރޭނަށް ދޭ އަސްކަރީ އެހީ ހިފަހައްޓަން ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވި ކަމަށް ގައުމީ ސަލާމަތާ ބެހޭ ކުރީގެ މުޝީރު ޖޯން ބޯލްޓަންއާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.
މި ރިޕޯޓާ ގުޅިގެން ޑިމޮކްރެޓިކް މެންބަރުން ވަނީ، ސެނެޓުގައި މިހާރު ފަށާފައިވާ ޓްރަމްޕުގެ އިމްޕީޗްމަންޓް ޝަރީއަތަށް ބޯލްޓަން އާއި ވައިޓް ހައުސްގެ އެހެން އިސް މުވައްޒަފުންގެ ބަޔާނަށް ނެގުމަށް ހާޒިރު ކުރުމަށް އިތުރަށް ޑިމާންޑް ކުރަން ފަށައިފަ އެވެ.
ބޯލްޓަން ނެރުއްވާ އާ ފޮތުގައިވާ ވާހަކަތަކަށް އިޝާރާތްކޮށް ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވަނީ ބައިޑަންގެ މައްސަލަ ތަހުގީގު ކުރުމަށް ޔުކްރޭނުން އެހީތެރިކަން ނުލިބޭ ނަމަ އެ ގައުމަށް ދޭ 391 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހިފަހައްޓަން ބޭނުންވާ ކަމަށް ބޯލްޓަން އަރިހު ޓްރަމްޕް ވިދާޅުވެފައިވާ ކަމަށެވެ.
މިދިޔަ މަހު ޓްރަމްޕް އިމްޕީޗްކޮށްފައި ވަނީ ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރެއްވުމާއި ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުއްވުމުގެ ކުށުގަ އެވެ.
ޓައިމްސްގެ ރިޕޯޓާ ގުޅިގެން، ހައުސްގެ ލީޑް މެނޭޖަރު އެޑަމް ޝިފް ވިދާޅުވެފައި ވަނީ ބޯލްޓަން ބަޔާން ދެއްވުމަށް ޓްރަމްޕް ހުރަސް އަޅުއްވާފައިވާ ކަމަށެވެ.
"މިހާރު މި އެނގެނީ އެގޮތަށް ހުރަސް އެޅުއްވީ ކީއްވެކަން. ޓްރަމްޕުގެ ޑިފެންސް ޓީމާއި ބޯލްޓަންގެ ވާހަކަތައް ވަރަށް ތަފާތު،" ޝިފް ޓްވީޓް ކުރައްވާފައިވެ އެވެ.
ޓްރަމްޕް މަގާމުން ދުރުކުރަން ފާސްކުރަން 100 މެންބަރުން ހިމެނޭ ސެނެޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވާނެ އެވެ. ނަމަވެސް ސެނެޓުގައި ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮތުމާ އެކު 67 ވޯޓު ހޯދުމަކީ ދުރުކަމެއް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ސެނެޓުގައި ރިޕަބްލިކަން 53 މެންބަރުން ތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުގާބޭ
27 January 2020
ތީ މިގަރުނުގެ ދުނިޔޭގެ މުސީބާތް!
ޕުޓިން
27 January 2020
ބޯލްޓަންތަ؟ އެއީ ޓްރަމަޕަށްވުރެވެސް މާބޮޑަށް ނުބައި މީހެއް. އެމެރިކާ ހަނގުރާމައެއް ކުރަންޏާ އޭނާގެ ހިއްސާ ނެތި ނުދާނެ. އީރާނާ ހަނގުރާމަ ކުރަން މާބޮޑަށް ޕްރެޝަރުކުރަން ފެށީމަ ޓްރަމްޕް އެހެރީ އޭނާ ބޭރުކޮށްލާފަ ހެން ހީވަނީ.