އީރާނުން 18 މަސް ދުވަސްވަންދެން ޖަލުގައި ބެހެއްޓި ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓަރު ޖޭސަން
05 އޮކްޓޯބަރ 2016 - 11:14
ވޮޝިންޓަން (އޮކްޓޯބަރު 5) - ތެހެރާނުގައި ހުންނަ ވޮޝިންޓަން ބިއުރޯގެ އިސް ނޫސްވެރިޔާ ޖޭސަން ރެޒައިން އީރާން ސަރުކާރާ ދެކޮޅަށް ދައުވާކޮށްފި އެވެ.
ޖޭސަންގެ ދައުވާގައި ބުނެފައި ވަނީ އެއްވެސް ކުށެއް ސާބިތު ކުރުމަކާ ނުލައި 18 މަސް ދުވަސް އޭނާ ޖަލުގައި ބާއްވައިގެން ލައްކަ ގިނަ އަނިޔާ ދީފައިވާ ކަމަށެވެ. ޖޭސަން ބުނީ އޭނާ ރަހީނެއްގެ ގޮތުގައި އީރާނުގެ ޖަލުގައި ބޭއްވީ ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ދިޔަ ދުވަސްވަރު އީރާނުން އިތުރު ލުއިތައް ހޯދަން ބާރެއްގެ ގޮތުން ކަމަށެވެ. ޖޭސަންގެ އަންހެނުން ޔަގާނާހު ސާލިހު ވެސް އީރާނުން ވަނީ 72 ދުވަސް ވަދެން ބަންދުކޮށްފަ އެވެ.
ޖޭސަން އާއި ޔަގާނާހު ބަޑިން ބިރު ދައްކައިގެން ތެހެރާނުން ހައްޔަރުކުރީ ޖުލައި 22، 2014 ގަ އެވެ. ޖޭސަންގެ މައްޗަށް އީރާނުން ތުހުމަތުކޮށްފައި ވަނީ ބޭރުގެ ފަރާތްތަކަށް ޖާސޫސް ކޮށްދިނުމެވެ. އަދި އޭނާގެ ޝަރީއަތް އީރާނުގެ ރިވޮލިއުޝަނަރީ ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ސިއްރިއްޔާތުގަ އެވެ. ޖޭސަން ބާއްވާފައި އޮތީ އީރާނުގައި އަނިޔާވެރި ކަމަށް މަޝްހޫރު އެވިން ޖަލުގަ އެވެ. ޖޭސަން ބުނީ އޭނާ އެކަހެރިކޮށް ބަންދުކޮށްފައި އޮތް އިރު ނިދިން މަހްރޫމްކޮށް ބަލިވުމުން ބޭސް ފަރުވާގެ އެންމެ އަސާސީ ފަރުވާ ވެސް ދީފައި ނުވާ ކަމަށެވެ. ޖަލުގެ ކާނާ ގޯސްވުމުން ބަރުދަނުން 50 ޕައުންޑް ލުއިވެފައިވާ ކަމަށް ވެސް ޖޭސަން ބުނެފައިވެ އެވެ. ކާ އެއްޗިއްސަށް ކޮންކްރީޓާއި ގަލާއި ހިރަފުސް ވެސް އަޅާފައިވާ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ. ސުވާލުކުރި މީހުން ވަނީ ޖޭސަންގެ އަންހެނުންނަށް ބޮޑު ޒަޚަމެއްދީ ފަރުބަދައެއްގެ މަތިން ވައްޓާލަފާނެ ކަމަށް ބުނެ ބިރު ދައްކައިފަ އެވެ.
ވޮޝިންޓަނުގެ ޑިސްޓްރިކްޓް ކޯޓަށް ޖޭސަން ދައުވާ ހުށަހެޅީ އޭނާގެ އާއިލާގެ ވެސް ނަމުގަ އެވެ. ޖޭސަންގެ ބޭބެ އާއި މަންމަ ކޯޓުގައި ވަނީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުން ބޮޑު އަދަދެއް ހޯދަން ހުށަހަޅައިފަ އެވެ.
އީރާނުގެ ޖަލުގައި 544 ދުވަސް ބޭއްވުމަށް ފަހު ޖޭސަން ދޫކޮށްލީ ޖެނުއަރީ 16، 2016 ގަ އެވެ. އޭނާއާ އެކު އެމެރިކާގެ އިތުރު ތިން ގައިދީއަކު އީރާނުން މިނިވަން ކުރީ އީރާނުގެ ބައެއް ގައިދީން އެމެރިކާ އިން ވެސް މިނިވަން ކުރާ މަތިންނެވެ.
އެމެރިކާގެ ވަކި ފަރުދުންނަށް ބޭރު ގައުމުތަކުގެ ސަރުކާރުތަކުގެ މައްޗަށް ދައުވާ ނުކުރެވުނު ނަމަވެސް ޓެރަރިޒަމުގެ މައްސަލަތައް މިކަމުން އިސްތިސްނާވެ އެވެ.
ޖޭސަންއާ އެކު އީރާނުން ދޫކޮށްލި އެމެރިކާ ސިފައިންގެ މީހެއް ކަމަށް އާމިރު ހިކުމަތީ ވެސް މިދިޔަ މެއި މަހު ވަނީ އީރާން ސަރުކާރާ ދެކޮޅަށް ދައުވާކޮށްފަ އެވެ. ހިކުމަތީ ވެސް ވަނީ އޭނާ ބަންދުކޮށްފައި ބޭއްވި ހަތަރު އަހަރާއި ބައިގެ މުއްދަތުގައި އޭނާ އަށް ވަރަށް އަނިޔާކުރި ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy