ކޮރޯނާވައިރަސް: މަރުވި މީހުން 106 އަށް، 4،515 މީހުންނަށް ބަލިޖެހިއްޖެ

ބެއިޖިން (ޖެނުއަރީ 28) - ޗައިނާގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 106 މީހުން މަރުވި އިރު އެ ބަލި އިއްޔެގެ ނިޔަލަށް 4،515 މީހުންނަށް ޖެހިއްޖެ އެވެ.


އެހެންކަމުން އެއް ދުވަސްތެރޭ ކޮރޯނާވައިރަސް ވަނީ އަލަށް 1680 މީހުންނަށް ޖެހިފަ އެވެ.

ވައިރަސް އެންމެ ބޮޑަށް ފެތުރޭ ޗައިނާގެ ވުހާން އާއި އެ ސިޓީ ހިމެނޭ ހުބެއި ޕްރޮވިންސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. ވެރިރަށް ބެއިޖިން އިން ވަނީ ހުބެއި ޕްރޮވިންސަށް ބަހުގެ ޚިދުމަތް ހުއްޓާލައިފަ އެވެ. އަދި ބެއިޖިން އާއި ޝެންހާއީގައި ވަނީ ހުބެއި ޕްރޮވިންސް އިން އަންނަ މީހުންނަށް 14 ދުވަހުގެ އޮބްޒަވޭޝަން މުއްދަތެއް ތައާރަފްކޮށްފަ އެވެ.

ބަލި ޖެހިގެން މަރުވި 106 މީހުންގެ ތެރޭން 100 މީހުން މަރުވެފައި ވަނީ ހުބެއި ޕްރޮވިންސް އިންނެވެ. އެ ޕްރޮވިންސްގެ 2،714 މީހުންނަށް ވަނީ ބަލިޖެހިފަ އެވެ.

ޗައިނާގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ އާ ސެމިސްޓާ ފެށުން ފަސްކޮށްފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފައި ވަނީ ޗައިނާ ފިޔަވައި އެހެން ގައުމުތަކުން ކޮރޯނާވައިރަސް 47 މީހަކަށް ޖެހިފައިވާ ކަމަށެވެ. ނަމަވެސް ޗައިނާ ފިޔަވައި އެހެން ގައުމަކުން އަދި މިހާތަނަށް އެ ބަލީގައި މީހަކު މަރުވެފައެއް ނުވެ އެވެ.

ބައެއް ގައުމުތަކުން މިހާރު ވަނީ ޗައިނާ މީހުންނަށް ވިސާ ދިނުން ހުއްޓާލައިފަ އެވެ.