ތެހެރާން (ޖެނުއަރީ 28) - އީރާނުގެ ޕަސިންޖަ މަތިންދާ ބޯޓެއް ރަންވޭ އިން ނެއްޓި، ހައިވޭއެއްގެ މެދަށް "ޖައްސައިފި" އެވެ.
އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މަހްޝަހަރުގައި ހިނގި މި އެކްސިޑެންޓުގައި ބޯޓުގައި ތިބި 136 ޕަސިންޖަރުންގެ ތެރޭން ދެ މީހެއްގެ ފަޔަށް ވަނީ އަނިޔާވެފަ އެވެ. ކެސްޕއަން އެއާލައިންސްގެ މެކްޑޮނެލް ޑަގްލަސް އެމްޑީ-83 ގެ ބޯޓު ދަތުރު ކުރީ ވެރިރަށް ތެހެރާނުންނެވެ.
އޭވިއޭޝަން އޮފިޝަލުންނާ ހަވާލާދީ އީރާނުގެ ރަސްމީ ޓީވީން ބުނީ ޕައިލެޓް ބޯޓު ޖެއްސުން ލަސްކުރުމުން އޭނާ އަށް ވަނީ ރަންވޭ ކަޓައިފައި ކަމަށެވެ. އެހެންވެ ރަންވޭގެ ކޮޅުން ނެއްޓި ބޯޓު ވަނީ ޖެހިގެން އޮތް ހައިވޭ މެދަށް ގޮސް ހުއްޓިފަ އެވެ.
ބޯޓުން ދަތުރު ކުރި ރިޕޯޓަރަކު ބުނީ ބޯޓުގެ ފަހަތު ދެ ފުރޮޅު ހަލާކުވި ކަމަށާއި އެހެންވެ ބޯޓު ދިޔައީ ހައިވޭމަތީގައި ކޭއްތެމުން ކަމަށެވެ.
އީރާނުގެ ސިވިލް އޭވިއޭޝަނުން ބުނީ އެ ހާދިސާ ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.
އީރާނަކީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމުގެ ރެކޯޑް ދަށް ގައުމެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އީރާނުގައި ހިނގި މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާއެއްގައި ވަނީ 66 މީހުން މަރުވެފަ އެވެ. އީރާން އެއާގެ ބޯޓެއް 2011 ވަނަ އަހަރު ޖައްސަނިކޮށް ބޯޓު ރޫޅުމުން ވަނީ އެތައް ބަޔަކު މަރުވެފަ އެވެ.
އީރާނުގެ ދެ އެއާލައިނެއްގެ ބޯޓު ފަހަރު ޔޫރަޕިއަން ޔޫނިއަންގެ ވައިގެ ސަރަހައްދު ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.
އީރާނުން ފޮނުވާލި ދެ މިސައިލް އަރައި ޔުކްރޭން އެއާލައިންސްގެ ބޯޓެއް ދާދި ފަހުން ވަނީ ވެއްޓިފަ އެވެ. އެ ހާދިސާގައި 176 މީހުން މަރުވި އެވެ.