ފެބްރުއަރީ 4، 2020 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަހަރީ ތަގުރީރު، ކޮންގްރެސްގައި ދެއްވަނީ
05 ފެބުރުއަރީ 2020 - 10:04
އެމެރިކާގެ ރައީސްކަމުގެ މަގާމުން ދުރުކުރުމާއި ނުކުރުމުގެ ވޯޓު ސެނެޓްގައި މާދަމާ ނެގުމުގެ ކުރިން މިއަދު ކޮންގްރެސްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އަހަރީ ތަގުރީރު ބޮޑު ޝޯއަކަށް ވެގެން ނިމިއްޖެ އެވެ.
ކޮންގްރެސް ބިނާވެފައި އޮންނަ ތިރިގެ، ހައުސް އާއި މަތި ގެ، ސެނެޓްގެ ހުރިހާ މެމްބަރުންގެ ކުރިމަތީގައި ކޮންމެ އަހަރަކު ވެސް އެމެރިކާގެ ރައީސް ދެއްވާ ތަގުރީރު މަޝްހޫރުވެފައި އޮންނަނީ ސްޓޭޓް އޮފް ދި ޔޫނިއަންގެ ނަމުންނެވެ.
އިދިކޮޅު ޕާޓީ ޑިމޮކްރެޓިކް މެމްބަރުންގެ އަގުލަބިއްޔަތު އޮންނަ ހައުސް އިން ޓްރަމްޕް އިމްޕީޗްކުރީ، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރެއްވުމާއި ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުއްވުމުގެ، ދެ ކުށުގަ އެވެ. އިމްޕީޗްކުރުމަށް ފަހު، ރައީސްކަމުގެ މަގާމުން ވަކިކުރުމާއި ނުކުރުމާ މެދު ސެނެޓުން ގޮތެއް ނިންމާ ޝަަރީއަތުގައި، ދެ ފަރާތުން ގިނަ އަރައިރުންތަކާއި ގާނޫނީ ވާހަކަތަކަށް ފަހު މާދަމާ އޮންނާނީ ވޯޓު ނެގުމެވެ.
ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް އޮތް ސެނެޓުން، ޓްރަމްޕް ސަލާމަތްކުރާނެކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. މަގާމުން ވަކިކުރެވޭނީ 100 މެމްބަރުންގެ ތެރެއިން 67 މެމްބަރުންގެ ވޯޓުންނެވެ. ސެނެޓްގައި ރިޕަބްލިކަން ޕާޓީގެ 53 މެމްބަރުން ތިއްބަވަ އެވެ. އޭގެ ތެރެއިން 52 މެމްބަރުން މިހާރު ވެސް ވިދާޅުވެފައި ވަނީ، ރައީސްކަމުގެ މަގާމުން ވަކިކުރަން ވޯޓު ނުދެއްވާނެ ކަމަށެވެ.
އަހަރީ ތަގުރީރަށް ކޮންގްރެސްގެ ތަޅުމަށް ޓްރަމްޕް ވަޑައިގެން، ރިޔާސަތުގައި އިންނެވި، ޑިމޮކްރެޓިކް ޕާޓީގެ ނެންސީ ޕެލޯސީ އާއި، ނައިބު ރައީސް މަައިކް ޕެންސަށް ތަގުރީރުގެ ކޮޕީއެއް ދެއްވި އެވެ. ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންނާއި އޭނާއާ ދެމެދު އޮތް ރުޅުވެރިކަން ފުރަތަމަ އެނގުނީ، ސަލާންކުރައްވަން ޕެލޯސީ ދިއްކޮށްލެވި އަތުގައި، ޓްރަމްޕް ނުހިއްޕެވުމުންނެވެ.
ނެންސީ ވެސް ގޮތް ދޫނުކުރައްވަ އެވެ. ތަގުރީރު ނިމުމުން، ޓީވީ ކެމެރާތަކަށް ފެންނަ ގޮތަށް، އަދި ޓްރަމްޕް ފުރަގަސްދެއްވައިގެން ހުންނަވަނިކޮށް، އޭނާ އެ ތަގުރީރުގެ ގަނޑުތައް ވީދާލެއްވި އެވެ.
މިދިއަ އަހަރުގެ ތަގުރީރު ފެއްޓެވުމުގެ ކުރިން ރައީސް ޓްރަމްޕްގެ ތައާރަފު ދެއްވި ގޮތާއި މިފަހަރުގެ ތައާރަފު ވެސް ތަަފާތެވެ. މިއަދު ނެންސީ ހަމައެކަނި ވިދާޅުވީ "ކޮންގްރެސްގެ ހުރިހާ މެމްބަރު، އެމެރިކާގެ ރައީސް" މިހެންނެވެ.
ޑިމޮކްރެޓިކް ޕާޓީން ހައުސްގެ އަގުލަބިއްޔަތު ހޯދުމަށް ފަހު މިދިއަ އަހަރު އޮތް، ސްޓޭޓް އޮފް ދި ޔޫނިއަން ތަގުރީރު ފެއްޓެވުމުގެ ކުރިން، ރައީސް ޓްރަމްޕް ތައާރަފުކޮށްދެއްވީ "ތިޔަ މެމްބަރުންގެ ކުރިމައްޗަށް އެމެރިކާގެ ރައީސް ތައާރަފުކޮށް މިދެނީ، އެއީ އަޅުގަނޑަށް ލިބޭ ޝަރަފެއްގެ ގޮތުގަ"އޭ ވިދާޅުވަމުންނެވެ.
ޓްރަމްޕްގެ ވާހަކާގައި ބައެއް ދޮގުތައް ހުރުމުން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން، ތަގުރީރުގެ ތެރޭގައި ވެސް އަޑު އިއްވެވި އެވެ. އެގޮތުން އެމެރިކާގައި ވިއްކާ ބޭހުގެ އަގު ތިރިކުރާ ވާހަކަ ވިދާޅުވުމުން، އޭގެ ރައްދެއްގެ ގޮތުން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ގޮވީ، އެއީ އެ މެމްބަރުން ފާސްކޮށްފައި އޮތް ގާނޫނެއް ކަމަށާއި ނަމަވެސް ރިޕަބްލިކަން ޕާޓީގެ އަގުލަބިއްޔަތު އޮތް ސެނެޓުން ވަނީ އޭގެ އަސްލު ބާރު ކަނޑުވާލާފައި ކަމަށެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި މީގެ ތިން އަހަރު ކުރިން އޭނާ ވެރިކަމާ ހަވާލުވަވަޑައިގަތް އިރު އޮތް އެމެރިކާ އަށް ވުރެ މިހާރުގެ އެމެރިކާ ހުރިހާ ގޮތަކުން ވެސް ރަނގަޅުވެފައި، ކުރިއެރުން ހޯދައިފި އެވެ.
"އެމެރިކާ މިހާރު ކުރިއަށްދަނީ މީގެ ކުރިން ހިޔާލަށް ވެސް ނުގެނެވޭހާ ބާރު މިނެއްގައި،" ޓްރަމްޕް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެން ފަހަތަކަށް ނޭނބުރޭނަން."
ތަގުރީރު ކުރިއަށް ދިޔަ އިރު، ޓްރަމްޕްގެ ކޮންމެ ވާހަކައަކާ އެކު ރިޕަބްލިކަން ޕާޓީގެ މެމްބަރުން ކޮޅަށް ތެދުވެ، އަތްތިލަބަނޑި ޖެއްސެވިޔަސް، ޕެލޯސީ އިންނެވީ ގޮނޑީގަ އެވެ. އޭނާ ތެދުވަންނަވާ، އަތް ޖެއްސެވީ، ދެ ޕާޓީގެ މެމްބަރުން އެކުވެގެން ފާސްކުރި، އެމެރިކާގެ ޖިނާއީ އަދުލުގެ ނިޒާމަށް އިސްލާހު ގެނައި ގާނޫނުގެ ވާހަކަ ވިދާޅުވުމުންނެވެ.
އެމެރިކާގެ ތާރީޚުގައި ވެސް، ހަމައެކަނި ޕާޓީ ލައިނުން މަސައްކަތްކުރި މިހާރުގެ ކޮންގްރެސް ފަދަ ކޮންގްރެސްއެއް ފެނިފައި ނުވާ ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ.
ޓްރަމްޕްގެ އިމްޕީޗްމަންޓްގައި ވެސް، ވޯޓު ދެނީ ހަމައެކަނި ޕާޓީ ލައިނުންނެވެ. އެގޮތުން ހައުސް އިން އޭނާ އިމްޕީޗްކުރި އިރު އެކަމަށް ވޯޓު ދެއްވީ ހަމައެކަނި ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންނެވެ. އަދި މާދަމާ ސެނެޓްގައި ވޯޓު ނަގާ އިރު ވެސް، ކޮންމެ ބަޔަކު ވެސް ވޯޓު ދޭނީ ޕާޓީ ފިކުރަށްކަން ވަނީ ޔަގީންވެފަ އެވެ.
ޕެލޯސީ އާއި ރައީސް ޓްރަމްޕާ ދެމެދު ކުރިންސުރެ އޮތީ ހިޔާލު ތަފާތުވުމާއި ރުޅިވެރިކަމެވެ. މިދިއަ ހޯމަދުވަހު ދެއްވި އިންޓަވިއުއެއްގައި ޕެލޯސީ ވިދާޅުވީ ސެނެޓުން ޓްރަމްޕް ސަލާމްކުރިިޔަސް، އޭނާއަކީ އިމްޕީޗްނުކުރާ ރައީސަކަށް ދެން ދުވަހަކު ވެސް ނުވާނެ ކަމަށެވެ.
"ތާރީހުގައި ވެސް ދެން އޮންނާނީ ޓްރަމްޕަކީ އިމްޕީޗްކުރި ރައީސެއްގެ ގޮތުގައި،" ޕެލޯސީ ވިދާޅުވި އެވެ.
ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުނުކުރެއްވިޖެ ނަމަ، މިއަދުގެ ތަގުރީރު ވާނީ ޓްރަމްޕްގެ ފަހު ސްޓޭޓް އޮފް ދި ޔޫނިއަންއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy