އަލަށް ފެނުނު ކޮރޯނާވައިރަސް އޮންނަނީ މި ކުރެހުމުގައިވާ ގޮތަށް
05 ފެބުރުއަރީ 2020 - 11:06
އެތައް ހާސް ބަޔަކަށް މި ވައިރަސް އަރައި ޗައިނާގެ ބޮޑު ސަރަހައްދެއް ބަންދުކޮށް ޗައިނާ އިން ގައުމުތަކަށް މީހުން އެތެރެވުން މަނާކުރި އިރު ވައިރަހަށް އަދިވެސް ނަމެއް ނެތެވެ. އެންމެން "ކޮރޯނާވައިރަސް" އޭ ކިޔަސް ކޮރޯނާވައިރަހަކީ މި ވައިރަހުގެ އާއިލީ ނަމެވެ. ކޮރޯނާގެ އެކި ވައްތަރުތައް ހުރެ އެވެ.
ޗައިނާގެ ވޫހާން އިން ފެނުނު ކޮރޯނާވައިރަހަށް ވަގުތީ ގޮތުން ކިޔައިގެން އުޅެނީ 2019-nCoV އެވެ. އެކަމަކު މިއީ ކިޔަން ފަސޭހަ ނަމެއް ނޫނެވެ.
ސައިންސްވެރިންގެ ޓީމަކުން މި އާ ވައިރަހަށް ދޭނެ ނަމަކާ ބެހޭ ގޮތުން ކުރި މަޝްވަރާތަކަށް ފަހު ބީބީސީ އަށް ކިޔައިދިން ގޮތުގައި މިހާރު ވަނީ ނަމެއް ފާސްކުރުމާ ގާތުގަ އެވެ. އެކަމަކު ނަމެއް ކިޔަން މިހާ ދުވަސް ވަނީ ކީއްވެހެއްޔެވެ؟
"އަލަށް ފެންނަ ވައިރަސްތަކަށް ނަން ދިނުން އާންމު ގޮތެއްގައި ވެސް ލަސްވޭ. މިހާތަނަށް ބޮޑަށް ފޯކަސް ހުރީ ވައިރަހާ މެދު އާންމުންގެ އޮތް ކަންބޮޑުވުމާއި އެ ވައިރަހާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކަށް، މިއީ މިކަން ވާނެ ވެސް ގޮތްކަން ގަބޫލުކުރަންޖެހޭ،" ޖޯން ހޮޕްކިންސް ސެންޓަ ފޯ ހެލްތު ސެކިއުރިޓީގެ ސީނިއާ ސްކޮލާ އަދި އެސިސްޓެންޓް ޕްރޮފެސާ ކްރިސްޓަލް ވޮޓްސަން ވިދާޅުވި އެވެ.
"އެކަމަކު ވައިރަހަށް އަވަހަށް ނަމެއް ކިޔުން މުހިންމުވާ ސަބަބުތަކެއް ވެސް އެބަހުރި."
މި އާ ވައިރަސް އެހެން ވައިރަސްތަކާ ތަފާތުކޮށް ސިފަކުރުމަށް ސައިންސްވެރިން "ނޮވެލް ކޮރޯނާވައިރަސް" އަދި "ނިއު ކޮރޯނާވައިރަސް" އޭ ވެސް ކިޔަ އެވެ. މީގެ ވައިރަސްތަކަށް "ކޮރޯނާ" އޭ ކިޔަނީ މައިކްރޮސްކޯޕުން ބަލާއިރު ވައިރަހުގެ ބޭރު ފުށުގައި ކްރައުނެއް ނުވަތަ ތާޖެއް ސިފަވާ ގޮތަށް ހުންނާތީ އެވެ.
އާ ވައިރަސް އަށް 2019-nCoV އޭ ކިޔަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ލަފާ ދެނީ ވައިރަސް އެންމެ ފުރަތަމަ ފެނުނު އަހަރާއި "ނޮވެލް" ނުވަތަ "ނިއު" ރަމްޒުކޮށްދޭ "އެން" އަކުރާއި ކޮރޯނާވައިރަސް ރަމްޒުކޮށްދޭ އަކުރުތައް ވެސް ހިމެނޭތީ އެވެ.
"މިހާރު މި ކިޔަނީ ފަސޭހަ ނަމެއް ނޫން. އެހެންވެ މީޑިއާގައި ވެސް އަދި އާންމުން ވެސް އެކި ނަންތައް ކިޔަނީ،" ޑރ. ވޮޓްސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަކި ހާއްސަ ނަމެއް ނުދީ އޮތުމުން "ޗައިނާ ވައިރަސް" ފަދަ ނަންތައް އުފަންވެ އެކަމުގެ ސަބަބުން ޗައިނާ މީހުންނާ މެދު ނަފްރަތު ވެސް އުފެދޭ ކަމަށެވެ. ސޯޝަލް މީޑިއާގެ މި ޒަމާނުގައި މިފަދަ ކަންކަން އާންމުކޮށް ހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވައިރަހަށް ރަސްމީކޮށް ނަން ދިނުމުގެ ޒިންމާ އޮންނަނީ އިންޓަނޭޝަނަލް ކޮމިޓީ އޮން ޓެކްސޮނޮމީ އޮފް ވައިރަސަސް (އައިސީޓީވީ) އަށެވެ.
މީގެ ކުރިން 2009 ވަނަ އަހަރު އެޗް1އެން1 ފެތުރުނު އިރު އެ ވައިރަސް "ސްވައިން ފްލޫ" ނުވަތަ އޫރު ރޯގާގެ ގޮތުގައި މުޅި ދުނިޔެ އަށް އެނގުނެވެ. އެއާ އެކު މިސްރުގައި ހުރިހާ އޫރެއް މެރި އެވެ. އެކަމަކު އޭރު އޮތް ހާލަތުން މި ވައިރަސް ފެތުރެމުން ދިޔައީ އޫރުގެ ޒަރިއްޔާއަކުން ނޫނެވެ. ވައިރަސް ފެތުރުނީ އޫރުން އިންސާނުންގެ ގަޔަށް ވައިރަސް އެރުމަށް ފަހު ގައިންގަޔަށް އަރާ ބައްޔަކަށް ބަދަލުވެގެންނެވެ. އަދި ޑަބްލިޔުއެޗްއޯ އިން 2015 ވަނަ އަހަރު މާސް (މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް) ގެން ނަން ވައިރަހަކަށް ދިނުމުން އެކަން ވެސް މައްސަލައަކަށްވި އެވެ. އެއީ ވަކި ސަރަހައްދަކަށް، ވަކި ދީނަކަށް ނުވަތަ ނަސްލަކަށް ނިސްބަތްކޮށް ނަން ކިޔުން ރަނގަޅު ކަމަކަށް ނުވާތީ އެވެ. އެހެންވެ މިހާރު ވަނީ ވައިރަހަށް ނަން ދިނުމުގައި ކޮށްގެން ނުވާނެ ކަންތައްތަކެއް ކަނޑައަޅައިފަ އެވެ. އެއީ؛
- ސަރަހައްދަކަށް ނިސްބަތްކޮށް ނަން ދިނުން
- މީހެއްގެ ނަމަށް ނިސްބަތްކުރުން
- ޖަނަވާރެއް ނުވަތަ ކާނާއަކަށް ނަން ނިސްބަތްކުރުން
- ވަކި ބައެއްގެ އާދަކަދާ އާއި ސަގާފަތް އަދި ވަކި ސިނާއަތަކަށް ނަން ނިސްބަތްކުރުން
މި ކަންކަމަށް ބަލައި، ކިޔަންޖެހޭނީ ވައިރަހުން ޖެހޭ ބަލި އަންގައިދޭ ވީހާވެސް ކުރު ނަމެއްގެ ގޮތުގައި ކަނޑައަޅި އެވެ. މިސާލެއްގެ ގޮތުގައި ސިވިއަ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ފާހަގަކޮށްލެވެ އެވެ. -- ބީބީސީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޯރސިކްސް
05 February 2020
އަމީނުއާ އެއް ބަޔަކު ޖައްސާލި ތި ވައިރަހާ ހެދި. މިގައުމުގައި ތިއަށް ކިއިދާނެ އަމީނު ފެއިލްނުކުރެވުނު ވައިރަސް.
ރީތި
05 February 2020
ހާދަ ލޯތްބޭ ކޮރޯނާ ވައިރަސް.
ބުރުމާ ގާސިމް.
05 February 2020
މަގޭ ނަމުން ނަން ދޭންވީނު؟
ދިއްދޫ ހަންދަރު ޙަސަނު
05 February 2020
ރޯނާ ވައިރަސް ކީމަ ރަނގަޅުވާނެ
މުޙުއްމާ
05 February 2020
ކޮރޮނާ ވައިރަސްއަށް ކިޔަން އެއްމެ ރަގަޅު ނަމަކީ ޓްރަމްޕް ވައިރަސް.
ސަންޕަ އަހަންމަދު
05 February 2020
އަލްއަމީރް މުހައްމަދު އަމީނު ވިދާޅުވަނީ "މުހިއްމީ ނަމެއް ނޫން. މުހިއްމީ ކަން."
ރަބަރު
05 February 2020
މިޒަމާނުގައި ނަންދިނުމަކީ ފަސޭހަކަމެއް ނޫނެވެ. ބަލިވެ އިންކަން އެގުނީއްސުރެ ދެމަފިރިން ދަރިފުޅަށް ކިޔާނެ ރީތިނަމެއް ހޯދަން އުޅެއެވެ. އަދި ބައެއް މީހުން އިނުމުގެކުރިން މާފޮޅުވާ ދުވަހުން ފެށިގެން ކިޔާނެ ނަމެއް ހޯދައެވެ. އެކަމަކު ވިހައިގެން ހަތްދުވަސްވާއިރުވެސް އޮންނަނީ ނަމެއް ހަމަނުޖެހިއެވެ. އެހެންވީމަ އަދި ލަހެއް ނުވެއެވެ.