ކްރޫޒް ލައިނާ ވެސްޓަޑަމް ކެމްބޯޑިއާގައި މިއަދު ބަނދަރު ކުރަނީ. --ފޮޓޯ:އޭއެފްޕީ
13 ފެބުރުއަރީ 2020 - 15:57
ނޮން ޕެން (ފެބްރުއަރީ 13) - ކޮވިޑް-19 ވައިރަހުގެ ބިރަށް އޭޝިއާގެ ފަސް ގައުމެއްގައި ބަނދަރު ކުރުމުގެ ހުއްދަ ނުދިން ކްރޫޒް ލައިނާ އެންމެ ފަހުން ކެމްބޯޑިއާގައި މިއަދު ބަނދަރުކޮށްފި އެވެ.
އެމްއެސް ވެސްޓަޑަމް އަންގާރަ ދުވަހު ވަނީ ބެންކޮކުގައި ބަނދަރު ކުރަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ގައުމުން ހުއްދަ ނުދިނުމުން 2،000 މީހުން ތިބި އެ ކްރޫޒް ލައިނާ މިއަދު ހެނދުނު ވަނީ ކެމްބޯޑިއާގައި ބަނދަރުކޮށްފަ އެވެ. އެ ބޯޓުން ވައިރަހަށް ޕޮޒިޓިވް އެކަކު ވެސް ފެނިފައެއް ނުވެ އެވެ.
އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ހޮލެންޑް އެމެރިކާ ލައިން އިން އޮޕަރޭޓްކުރާ ވެސްޓަޑަމް 1،455 ޕަސިންޖަރުންނާއި 802 ފަޅުވެރިންނާ އެކު ހޮން ކޮންގުން ފުރީ މި މަހު 1 ވަނަ ދުވަހު އެވެ. ތައިލެންޑުގެ އިތުރުން ޓައިވާން، ގުއާމް، ފިލިޕީންސް އަދި ޖަޕާނުން ވަނީ އެ ކްރޫޒް ލައިނާ ބަނދަރު ކުރުމުގެ ހުއްދަ ނުދީފަ އެވެ.
ޖަޕާނުގައި ކަރަންޓީންކޮށްފައިވާ އެހެން ކްރޫޒް ލައިނާއެއް ކަމަށްވާ ޑައިމަންޑް ޕްރިންސަސް އިން މިހާރު ވަނީ 200 އަށް ވުރެ ގިނަ މީހުންނަށް ވައިރަސް އަރައިފަ އެވެ. ހޮން ކޮންގުގައި ބަނދަރުކޮށްފައިވާ ވޯލްޑް ޑްރީމް ކްރޫޒް ލައިނާ އިން ކުރިން ދަތުރު ކުރި ތިން މީހަކު ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ބޯޓުގެ 1،800 ކްރޫން ޓެސްޓް ކުރި އެވެ. ނަމަވެސް އެންމެން ވެސް ނެގެޓިވްވުމުން އެ ކްޒޫޒް ލައިނާ އިން ޕަސިންޖަރުން ފޭބުމުގެ ހުއްދަ ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy