ޑަބްލިއުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް ގެބްރެޔެސުސް (ކ) އަދި ހެލްތު އިމަޖެންސީ ޕްރޮގްރާމުގެ ވެރިޔާ މައިކަލް ރަޔަން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
14 ފެބުރުއަރީ 2020 - 09:00
ޖެނީވާ (ފެބްރުއަރީ 14) - ޗައިނާގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ޕީކަށް އަރާނެ އިރެއް ނުވަތަ އެ ރޯގާ މައިތިރިވާނެ ދުވަސްވަރެއް ބުނަން އަދި ނޭނގޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
ޑަބްލިއުއެޗްއޯގެ ހެލްތު އިމަޖެންސީ ޕްރޮގްރާމުގެ ވެރިޔާ މައިކަލް ރަޔަން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރޯގާގެ "ފެށުމެއް، މެދެއް، ނިމުމެއް" އަދި ނޭނގޭ ކަމަށެވެ. އެހެންވެ ރޯގާ ކޮންޓްރޯލް ކުރެވޭނެ ދުވަހެއް ބުނަން އަދި މާއަވަސް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯ އިން ކުރިން ބުނެފައި ވަނީ ރޯގާ އަލަށް ޖެހެމުންދާ މީހުން އެއްވަރެއްގައި ހިފެހެއްޓެމުންދާ ކަމަށެވެ. ޑަބްލިއުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔުސެސް ވިދާޅުވެފައި ވަނީ ރޯގާގެ މިސްރާބު ކޮންމެ ފަދަ ގޮތަކަށް ވެސް ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން އެހެން ބުނެފައި ވަނިކޮށް މިދިޔަ ބުދަ ދުވަހު ވަނީ ވައިރަސް އަލަށް ފެންނަ މީހުންގެ އަދަދު ގާތްގަނޑަކަށް 15،000 އަށް މައްޗަށް ޖެހިފަ އެވެ. ކުއްލިއަކަށް މީހުންގެ އަދަދު މައްޗަށް ދިޔައީ ޗައިނާ އިން ބަލި ޑައިގްނޯޒްކުރާ ގޮތް ބަދަލު ކުރުމުންނެވެ. ލެބޯޓްރީގައި ހަދާ ސްޓެންޑާޑް ނިއުކްލެއިކް އެސިޑް ޓެސްޓުގެ ބަދަލުގައި މިހާރު އަންނަނީ ފުއްޕާމޭގެ ސީޓީ ސްކޭން ހައްދަމުންނެވެ.
ހުބެއި ޕްރޮވިންސް އިން އިއްޔެ މަރުވެފައި ވަނީ 116 މީހުންނެވެ. ބަލި އަލަށް ޖެހިފައި ވަނީ 4،823 މީހުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިބޫ
16 February 2020
ދެން އެމީހުންނަށްވެސް ނޭނގެންޔާ ދެން ކޮންމެވެސް އެއްޗެކޭދޯ ބުނާނީ..
ދޯރި
14 February 2020
އެއްޗެއް ބުނަން ނޭނގުނަށް ތިޔަހެން އަރާ ދޭތެރެ އަކުން ނޫސް ކޮންފަރެންސް އެއް ބާއްވާލާތި. މި އަޅެފަހެ އަދުރޭ ސޯ ކައިރިން ތަމްރީނުވެގެން އުޅޭ ބަޔަކީތަ؟