ކޮލަމްބޯ (ފެބްރުއަރީ 15) - ސްރީ ލަންކާގެ ދާޚިލީ ހަނގުރާމައިގެ ފަހު ދުވަސްވަރު އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާ ކަމުގެ އިތުބާރު ހުރި ހެކި ލިބިފައިވާތީ އެ ގައުމުގެ ސިފައިންގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ޝަވެންދުރަ ސިލްވާ އެމެރިކާ އިން އިއްޔެ ބްލެކްލިސްޓްކޮށްފި އެވެ.
ލަންކާ ސިފައިންގެ ވެރިޔާގެ މަގާމަށް ޝަވެންދުރަ މިދިޔަ އަހަރު ހަމަޖެއްސުމުން ވެސް ބައިނަލްއަގުވާމީ ގޮތުން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ ޝަވެންދުރަ އަށް ނުވަތަ އޭނާގެ އާއިލާ އަށް އެމެރިކާ އަށް ވަނުމުގެ ހުއްދަ ނުދޭނެ ކަމަށެވެ.
"ޝަވެންދުރަ ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވާ އިންސާނިއްޔަތާ ދެކޮޅު އަމަލުތަކުގައި އެކަށީގެންވާ ހެކި ލިބިފައި ވަނީ. އެހެންވެ އިންސާނީ ހައްގުތައް ޕްރޮމޯޓްކޮށް، އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ލަންކާ ސަރުކާރަށް ގޮވާލަން،" ޕޮމްޕެއޯ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ލަންކާގައި ކުރި 37 އަހަރުގެ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެނައިއިރު ޝަވެންދުރަ އަކީ ލަންކާގެ އުތުރުގައި ހަނގުރާމަކުރި ސަރަހައްދުގެ ސިފައިންގެ ޑިވިޝަނެއްގެ ކޮމާންޑިން އޮފިސަރެކެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ތުހުމަތުކުރާ ގޮތުގައި ހަނގުރާމައިގެ ފަހު ދުވަސްވަރު ވަނީ ތަޅައިންގެ 40،000 މީހުން މަރައިފަ އެވެ.