ތެހެރާނުގައި މާސްކް އަޅައިގެން ތިބި ދެ އަންހެނުން މިއަދު ބަހަކުން ފައިބަނީ: އީރާނުން ވަނީ ކޮވިޑް-19 ގައި 12 މީހުން މަރުވެފައި. --ފޮޓޯ:އޭއެފްޕީ
24 ފެބުރުއަރީ 2020 - 16:21
ބެއިޖިން (ފެބްރުއަރީ 24) - ޗައިނާއިން ފެނުނު ނޮވެލް ކޮރޯނާވައިރަސް ދުނިޔޭގެ އެހެން ގައުމުތަކުން ފެންނަ ނިސްބަތް އިތުރުވާން ފަށައިފި އެވެ.
އޭޝިއާގެ އިތުރުން މެދުއިރުމަތި އަދި ޔޫރަޕުގައި ވަނީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައިފަ އެވެ. ޗައިނާގައި ވެސް މަރުވާ މީހުންގެ ރޭޓް ދަށްވުމަށް ފަހު އާދިއްތަ ދުވަހު ވަނީ އަދަދު މައްޗަށް ޖެހިފަ އެވެ. ޗައިނާ އިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2،600 އަށް އަރައިފަ އެވެ.
ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު ތެރޭ ވަނީ ސައުތު ކޮރެއާ އާއި އީރާނުން މަރުވާ މީހުންގެ އަދަދު އިތުރުވާން ފަށައިފަ އެވެ. މީގެ އިތުރުން ބަހުރޭން، ކުވޭތު އަދި އަފްޣާނިސްތާނުން ވެސް ވަނީ ކޮވިޑް-19 އަލަށް ފެނިފަ އެވެ. ކޮވިޑް-19 ފެނުނު ގައުމުތަކުގެ އަދަދު މިހާރު ވަނީ 30 އަށް އަރައިފަ އެވެ.
އީރާނުން އިއްޔެ ވަނީ ހަތަރު މީހުން މަރުވެ، މިހާތަނަށް އެ ގައުމުން މަރުވި މީހުންގެ އަދަދު 12 އަށް އަރައިފަ އެވެ. ޗައިނާ ފިޔަވައި ދެން އެންމެ ގިނައިން މީހުން މަރުވެފައި ވަނީ އީރާނުންނެވެ.
ހަލުވިކަމާ އެކު ވައިރަސް ފެތުރެމުންދާ ސައުތު ކޮރެއާގައި ވަނީ ރަތް އެލާޓް އިއުލާންކޮށްފަ އެވެ. އެ ގައުމުން އަށް މީހުން މަރުވެފައިވާ އިރު ވައިރަސް އެރި މީހުންގެ އަދަދު ވަނީ 830 އަށް އަރައިފަ އެވެ.
ކޮވިޑް-19 ގައި އިޓަލީން ވަނީ ހަތަރު މީހުން މަރުވެފަ އެވެ. އިޓަލީގައި ވަނީ 150 މީހުންނަށް ވައިރަސް އަރައިފަ އެވެ. އިޓަލީ ލީގުގެ ބައެއް މެޗުތައް ވެސް މިހާރު ވަނީ ފަސްކޮށްފަ އެވެ. އިޓަލީގެ އުތުރުގެ ޓައުނެއްގައި ބައި ލައްކަ މީހުން ވަނީ ކަރަންޓީންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝީލާ
24 February 2020
މި ޤައުމަށް އަދިވެސް ނާންނަނީތަ ؟؟ ނޫނީ މި ޤައުމުގެ މީހުން ޤަމާރުކަމުން ނޭގެނީބާ؟؟؟ ގައިމު ތިބުނާހާ ހުރިހާ ޤައުމަކުން މި ޤައުމަށް މީހުން އާދޭ......
1412
25 February 2020
ޔާﷲ މިވަބާ މި ޤައުމަށް ފާ ނުކުރައްވާފާނދޭވެ އާމީން