ތެހެރާން (ފެބްރުއަރީ 28) - އީރާނުގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ ވެރިރަށް ތެހެރާނާއި ބޮޑެތި އެހެން ސިޓީތަކުގައި މިއަދުގެ ހުކުރު ނަމާދު ނުކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
އީރާނުން މި ގޮތަށް ނިންމީ ޗައިނާ އިން ޑިސެމްބަރު މަހު ފެނުނު ކޮރޯނާވައިރަހުގެ ބަލި މީހުން އިއްޔެ ކުއްލިއަކަށް މައްޗަށް ދިއުމުންނެވެ. އީރާނުން އަލަށް 106 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ގައުމުގައި ބަލިޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 245 އަށް އަރައިފަ އެވެ. އީރާނުން ވަނީ 26 މީހުން މަރުވެފަ އެވެ. މިއީ ކޮވިޑް-19 ގައި ޗައިނާ ފިޔަވައި އެންމެ ގިނައިން މީހުން މަރުވި ގައުމެވެ. އީރާނުން ބަލިޖެހޭ މީހުންގެ 10 ޕަސެންޓް މަރުވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.
އީރާނުގައި ކޮރޯނާވައިރަސް އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ ޝިއައީން ގިނަ އަދަދަކަށް އުޅޭ ގުމް ޕްރޮވިންސްގަ އެވެ. ނަމަވެސް އެ ގައުމުގެ ސަރުކާރުން ބުނެފައި ވަނީ ހުރިހާ ސަރަހައްދަކަށް ވެސް މިހާރު ރޯގާ ފެތުރިފައިވާ ކަމަށެވެ.
ރޯގާ ހަލުވިކަމާ އެކު ފެތުރުނު ނަމަވެސް އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ އެއްވެސް ސިޓީއެއް ކަރަންޓީން ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވިދާޅުވެފަ އެވެ. ކަރަންޓީން ކުރާނީ ބަލިޖެހޭ މީހުން އެކަނި ކަމަށް ވަނީ ވިދާޅުވެފަ އެވެ.