އީރާނުގެ ގުމްގެ ފުރްގާނީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންތަކެއް ކާމިޔާބީގެ ނިޝާނާ އެކު. --ފޮޓޯ:އޭޕީ
29 ފެބުރުއަރީ 2020 - 10:31
ތެހެރާން (ފެބްރުއަރީ 29) - އަލަށް ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރޯގާ ޖެހިގެން އީރާނުން 210 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ ނިޒާމްތަކާ ހަވާލާދީ އޮފިޝަލުން ބުނެފި އެވެ.
އެންމެ ގިނަ މީހުން މަރުވެފައި ވަނީ ވެރިރަށް ތެހެރާނާއި ޝިއައީން ގިނަ އަދަދަކަށް އުޅޭ ގުމް ސިޓީންނެވެ. އީރާނުގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނެފައި ވަނީ ކޮރޯނާވައިރަހުގައި މަރުވެފައި ވަނީ 34 މީހުން ކަމަށެވެ. ނަމަވެސް އަލަށް ހާމަވެގެން އުޅޭ އަދަދަކީ މަރުވި މީހުންގެ ރަސްމީ އަދަދަށް ވުރެ ހަ ގުނަ މަތީ މިންވަރެކެވެ.
އީރާނުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން ކިއާނޫޝް ޖަހަންޕޫރު ވިދާޅުވީ ކޮރޯނާވައިރަހާ ގުޅޭ ގޮތުން އެ ގައުމުން ހާމަކުރަނީ ތެދު މައުލޫމާތު ކަމަށާއި ދޮގު ހަދަނީ ބީބީސީން ކަމަށެވެ.
ގުމް ސިޓީގެ ޕާލަމެންޓް މެންބަރަކު ވެސް ވަނީ ކޮރޯނާވައިރަހާ ގުޅޭ ގޮތުން އީރާނުން ހާމަކުރާ މައުލޫމާތު ސައްހަ ނޫން ކަމަށް ތުހުމަތުކޮށްފަ އެވެ.
ތެހެރާނުގެ ސިޓީ ކައުންސިލުން ލަފާކުރާ ގޮތުގައި އީރާނުގައި ކޮރޯނާވައިރަސް އަރާ މީހުންގެ އަދަދު ކުރިއަށް އޮތް ހަފުތާ ތެރޭ 10،000 ނުވަތަ 15،000 އަށް އަރާނެ އެވެ.
އީރާނުގެ އެއް ނައިބް ރައީސް ކަމަށްވާ މައުސޫމާ އިބްތިކާރާއި ހެލްތު މިނިސްޓްރީގެ ނައިބް އަދި ޕާލަމެންޓުގެ ދެ މެންބަރަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ވެރިރަށް ތެހެރާނުގެ އިތުރުން 22 ސިޓީއެއްގައި ހުކުރު ދުވަހުގެ ހުކުރު ނަމާދެއް ނުކުރެ އެވެ. ސްކޫލްތަކާއި ޔުނިވާސިޓީތައް ވަނީ ބަންދުކޮށްފަ އެވެ. އެކަމަކު އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ ރޯގާ ފެތުރޭ ސިޓީތައް ކަރަންޓީން ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ ވަފުދެއް އާދިއްތަ ނޫނީ ހޯމަ ދުވަހު އީރާނަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy