އާ ބޮޑުވަޒީރު ހުވާ ކުރައްވައިފި، މަހާތިރު ދެކޮޅު ހެއްދެވުމުގައި

ކުއާލަ ލަމްޕޫރު (މާޗް 1) - މެލޭޝިއާގެ އާ ބޮޑުވަޒީރުކަމުގެ ހުވާ ކުރީގެ ދާޚިލީ ވަޒީރު މުހްޔިއްދީން ޔާސީން މިއަދު ކުރައްވައިފި އެވެ.


މެލޭޝިއާ އަށް އާ ބޮޑުވަޒީރަކު ހަމަޖެއްސި ނަމަވެސް މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި ތަޖްބާކާރު ސިޔާސީ ލީޑަރު، އުމުރުފުޅުން 94 އަހަރުގެ މަހާތިރު ގެންދަވަނީ އާ ބޮޑުވަޒީރު ގަބޫލް ނުކުރައްވާނެ ކަމަށާާއި ސަރުކާރެއް އުފެއްދޭ ވަރަށް ޕާލަމެންޓުގައި އަޣުލަބިއްޔަތު އޮތީ އޭނާ އަށް ކަމަށް ވިދާޅުވަމުންނެވެ. އަދި ޕާލަމެންޓުގެ ވޯޓަކުން އެކަން ސާބިތުކޮށްދޭނެ ކަމަށް ވެސް މަހާތިރު ވިދާޅުވި އެވެ.

"މެލޭޝިއާގެ ރައްޔިތުންނަށް އަޅުގަނޑު މިދަންނަވަނީ ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތީ އަޅުގަނޑަށްކަން. ޕާލަމެންޓުގެ 114 މެންބަރުގެ ތާއީދު އޮތީ އަޅުގަނޑަށް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހާތިރު މިއަދު ވިދާޅުވި އެވެ.

ބޮޑުވަޒީރުކަމުގެ މަގާމަށް މުހްޔިއްދީން މިއަދު ހަމަޖެއްސުމާ އެކު މަހާތިރު ނޫސް ކޮންފަރެންސެއް ދެއްވަނީ. --ފޮޓޯ:އޭއެފްޕީ

މެލޭޝިއާގެ ޕާލަމެންޓުގެ 222 މެންބަރުންގެ އަޣުލަބިއްޔަތަކީ 112 އެވެ.

މަހާތިރު ނޫސް ކޮންފަރެންސް ދެއްވީ 2018 ވަނަ އަހަރު ވެރިކަމަށް އައި ޕަކަޓަން ހަރަޕަން ކޯލިޝަނުގެ ސިޔާސީ ބޭފުޅުންނާ އެކު އެވެ. މިދިޔަ ހޯމަ ދުވަހު މަހާތިރު އިސްތިއުފާ ދެއްވީ އެ ކޯލިޝަނުގެ ތެރޭން ބައެއް މީހުން އިދިކޮޅާ ގުޅިގެން އާ ކޯލިޝަނެއް އުފައްދަން މަސައްކަތް ފެށުމުންނެވެ.

މަހާތިރުގެ އިސްތިއުފާ އަށް ފަހު މެލޭޝިއާގެ ރަސްގެފާން ވަނީ ޕާލަމެންޓުގެ މެންބަރުން ވަކިވަކިން ހާޒިރުކޮށް މައްސަލަ ހައްލު ކުރެވޭނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.

ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމަށް ފަހު މުހްޔިއްދީން ޔާސީން އަށް ރަސްގެފާން ސުލްތާން އަބްދުﷲ ސުލްތާން އަހުމަދު ޝާހު ލިޔުން ހަވާލުކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

މެލޭޝިއާގެ ޝާހީ ގަނޑުވަރުން އިއްޔެ އިއުލާންކޮށްފައި ވަނީ ސަރުކާރެއް އުފެއްދޭ ވަރަށް ތާއީދު އޮތީ މުހްޔިއްދީން، 72، އަށް ކަމަށެވެ. މުހްޔިއްދީން ވަނީ ވެރިކަމުން ދުރުކުރި ނަޖީބު ރައްޒާގުގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން އާއި މެލޭޝިިއަން އިސްލާމިކް ޕާޓީގެ ތާއީދު ހޯއްދަވައިފަ އެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތަށް މުހްޔިއްދީންގެ އާ ކޯލިޝަނުގެ ބައެއް މެންބަރުން ވެސް ގަނޑުވަރުގައި ހާޒިރުވެ ތިއްބެވި އެވެ.

މަހާތިރު ވިދާޅުވީ ޕަކަޓަން ހަރަޕަން ސަރުކާރުގެ ދާޚިލީ ވަޒީރުކަން ކުރެއްވި މުހްޔިއްދީން ވަނީ އޭނާ އަށް "ބޭވަފާތެރިވެފައި" ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ނެތް މީހަކު ބޮޑުވަޒީރަކަށްވާ މަންޒަރު،" މަހާތިރު ވިދާޅުވި އެވެ. "މިއީ ވަރަށް އާދަޔާ ޚިލާފު ކަމެއް. މޮޅުވި މީހުން އިދިކޮޅުގައި. ބަލިވި މީހުން ސަރުކާރުގައި."

ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި މުހްޔިއްދީން ވަނީ 2009 ގައި ބޮޑު ވަޒީރުގެ ނައިބަކަށް ހަމަޖައްސައިފަ އެވެ. ނަމަވެސް އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލއިގައި ނަޖީބަށް ފާޑު ވިދާޅުވުމުން ބޮޑުވަޒީރުގެ މަގާމުން އޭނާ ވަނީ 2015 ވަނަ އަހަރު ވަކިކޮށްފަ އެވެ. މުހްޔިއްދީން ފަހުން ވަނީ މަހާތިރު އުފެއްދެވި ޕާޓީއާ ގުޅިވަޑައިގެން ނަޖީބު ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.

މަހާތިރު ވަނީ މެލޭޝިއާގެ ބޮޑުވަޒީރުކަން 1981 އިން 2003 އަށް ކުރައްވައިފަ އެވެ. އަލުން ސިޔާސީ ދާއިރާ އށް ނުކުންނެވީ ނަޖީބުގެ ސަރުކާރުގެ ކޮރަޕްޝަން ބޮޑުވުމުން އެ ސަރުކާރު ބަދަލު ކުރުމަށެވެ.