ކޮރޯނާވައިރަސް ވަނީ 60 އަށް ވުރެ ގިނަ ގައުމަށް މިހާރު ފެތުރިފައި. --ފޮޓޯ:އޭޕީ
02 މާޗް 2020 - 10:57
ބެއިޖިން (މާޗް 2) - ދުނިޔޭގައި މިހާރު ފެތުރެމުންދާ އާ ކޮރޯނާވައިރަހުގައި މަރުވި މީހުންގެ އަދަދު 3،000 އަށް ވުރެ މައްޗަށް ޖެހިއްޖެ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާ އިން ފެނުނު ވައިރަސް މިހާރު ވަނީ 60 އަށް ވުރެ ގިނަ ގައުމަށް ފެތުރި ރޯގާ ޖެހުނު މީހުންގެ އަދަދު 88،900 އަށް އަރައިފަ އެވެ. ޗައިނާ ފިޔަވައި، ރޯގާ ޖެހުނު މީހުން ދެން އެންމެ ގިނައީ ސައުތު ކޮރެއާގަ އެވެ.
ކޮރޯނާވައިރަހުގައި ޗައިނާ އިން އިއްޔެ 42 މީހުން މަރުވި ކަމަށް މިއަދު ވަނީ ރިޕޯޓްކޮށްފަ އެވެ. އެންމެން ވެސް މަރުވެފައި ވަނީ ރޯގާ އެންމެ ބޮޑަށް ފެތުރޭ ހުބެއި ޕްރޮވިންސް އިންނެވެ. ޗައިނާގައި ރޯގާ އިއްޔެ އަލަށް ޖެހިފައި ވަނީ 202 މީހުންނަށެވެ. އެއީ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ރޯގާ އެންމެ މަދުން ޖެހުނު ކަމަށް ރިޕޯޓްކުރި ދުވަހެވެ. ކޮވިޑް-19 ޖެހިގެން ޗައިނާ އިން ވަނީ 2،912 މީހުން މަރުވެފަ އެވެ.
ޗައިނާގެ ވޫހާން ސިޓީގެ ރެޑް ކްރޮސް ހޮސްޕިޓަލްގައި ކޮވިޑް-19 ގެ ބަލި މީހަކަށް ފަރުވާ ދެނީ. --ފޮޓޯ:އޭއެފްޕީ
ކޮރޯނާވައިރަސް މިހާރު ދަނީ ޗައިނާ އަށް ވުރެ އެހެން ގައުމުތަކުގައި މާ ހަލުވިކޮށް ފެތުރެމުންނެވެ. ސައުތު ކޮރެއާ އިން އިތުރު ހަތަރު މީހުން އިއްޔެ މަރުވެ އެ ގައުމުގައި މަރުވި މީހުންގެ އަދަދު ވަނީ 26 އަށް އަރައިފަ އެވެ. ސައުތު ކޮރެއާ އިން އަލަށް 476 މީހުންނަށް ވައިރަސް އެރި ކަމަށް މިއަދު ވަނީ ރިޕޯޓްކޮށްފަ އެވެ. ސައުތު ކޮރެއާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 4،212 އަށް އަރައިފަ އެވެ.
އިޓަލީގައި ވަނީ 1،694 މީހުންނަށް ކޮވިޑް-19 ޖެހިފަ އެވެ. އިޓަލީން ވަނީ 34 މީހުން މަރުވެފަ އެވެ. އީރާނުން ވަނީ 54 މީހުން މަރުވެފަ އެވެ. އީރާނުގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދަކީ 978 އެވެ.
ކޮވިޑް-19 ގައި މަރުވާ މީހުންގެ ރޭޓް އުޅެނީ 2-5 ޕަސެންޓުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ. ނަމަވެސް 2002-2003 ގައި ޗައިނާގައި ފެތުރުނު ސާސް ރޯގާގައި މަރުވި ރޭޓަކީ 9.5 ޕަސެންޓެވެ. ސާސް ރޯގާގައި ވަނީ 800 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންފާ
03 March 2020
ދުނިޔެ މިސްރާބުޖަހާފައި މިހިރީ ބޮޑު ބަލިމަޑުކަމަކާއި ދިމާލަށް ކަމާއި ބޮޑު ތަދުމަޑުކަމެއްގެ އަސަރު މި ބަލީގެ ސަބަބުން އެންމެހާ ގައުމުތަކަށް ކުރާނެކަމަށް ބެލެވޭ އިރު, އެންމެ ބޮޑަށް އިގުތިސޯދީ ހީނަރުކަމެއް އަންނާނީ އުފެއްދުންތެރިކަން ނެތް މިރާއްޖެއަށް ވީ ހިނދު ދައުލަތުގެ ޚަރަދު ކުޑަކޮށް ރައްކާތެރިކަމުގެ ފިޔަވަޅު ބަނޑަށްޖެހުމާއި ސިއްހީ ގޮތުން އަޅަން މަޖުބޫރެއް ނުވޭތޯއެވެ.
ދފސދ
02 March 2020
ސާސް އިން މަރުވި ނިސްބަތް އުޅެނީ 2% ހިސާބުގަ. ނަމަވެސް ކޮރޯނައިން މަރުވި ނސްބަށް އުޅެނީ 3% ވުރެން މަތީގަ
އަސްލު ހަގީގަތް
02 March 2020
ސާސްއަށްވުރެ މީގެ ނުރައްކާ ބޮޑު. ދުނިޔޭގެ ސިއްޙީ ނިޒާމް މިހާ ކުރިއަރާފައިއޮތް ހިސާބެއްގައި މިރޯގާގެ ސަބަބުން 3000 ހަށްވުރެ ގިނަމީހުން މަރުވުމުން ނުރައްކާ ބޮޑުކަން އިނގޭ. ކޮރޯނާ ވައިރަސް ސާސް ފެތުރުނު ދުވަސްވަރު ފެތުރުނުނަމަ އެތައް ލައްކަ މީހުންނެއް މަރުވީސް.