ކޮވިޑް-19 ޖެހިގެން އަވަހާރަވި، ޚާމަނާއީގެ މުޝީރު މުހައްމަދީ. --ފޮޓޯ: ބިޒްނަސްއިންސައިޑާ
03 މާޗް 2020 - 15:36
ތެހެރާން (މާޗް 3) - އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ މުޝީރެއް ކަމަށްވާ މުހައްމަދު މިރް މުހައްމަދީ އަވަހާރަވެއްޖެ ކަމަށް އެ ގައުމުގެ ރަސްމީ ރޭޑިއޯ އިން ބުނެފި އެވެ.
އުމުރުން 71 އަހަރުގެ މުހައްމަދީ އަކީ ޚާމަނާއީ އަށް ލަފާދޭ ކައުންސިލުގެ މެންބަރެކެވެ. އޭނާ އަވަހާރަވީ ތެހެރާނުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
އީރާނުގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ހާދީ ޚުސްރޮޝާހީ، 81، ވެސް ވަނީ ކޮވިޑް-19 ޖެހިގެން މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވެފަ އެވެ.
މުހައްމަދީގެ އިތުރުން އީރާނުގެ ސީނިއާ އޮފިޝަލުންތަކަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އޭގެ ތެރޭގައި އެ ގައުމުގެ އެއް ނައިބް ރައީސް ކަމަށްވާ މައުސޫމާ އިބްތިކާރާއި ކޮރޯނާވައިރަހުގެ ކަންކަން ބެލެހެއްޓުމަށް އީރާނުގައި އުފެއްދި ޓާސްކް ފޯހުގެ ވެރިޔާ އަދި ހެލްތު މިނިސްޓަރުގެ ނައިބް އިރާޖް ހަރިރްޗީ ހިމެނެ އެވެ.
ކޮރޯނާވައިރަހުގައި އީރާނުން 66 މީހުން މަރުވެފައިވާ އިރު ވައިރަސް ވަނީ 1،501 މީހުންނަށް އަރައިފަ އެވެ. މީގެ ތެރޭން 291 މީހުން ވަނީ ރަނގަޅުވެފަ އެވެ.
ކޮރޯނާވައިރަސް ފެތުރޭތީ އީރާނުގެ ޕާލަމެންޓުގެ ޖަލްސާތައް މިހާރު ވަނީ ހުއްޓާލައިފަ އެވެ. ގައުމުގެ ހުރިހާ ސްކޫލްތަކާއި ޔުނިވަސިޓީތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy