މަހާތިރުގެ ދަރިކަނބަލުން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

ކުއާލަ ލަމްޕޫރު (މާޗް 5) - ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު އިސްތިއުފާ ދެއްވުމަށް ފަހު އަލުން ބޮޑު ވަޒީރު ކަމަށް ވަޑައިގަތުމަށް ކުރެެއްވި މަސައްކަތް ނާކާމިޔާބުވުން ކުރި މުޒާހަރާތަކާ ގުޅިގެން މަހާތިރުގެ ދަރިކަނބަލުންނާއި އިތުރު 18 އެކްޓިވިސްޓަކު އިއްޔެ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.


ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކާމިޔާބު ހޯދައި، މީގެ ދެ އަހަރު ކުރިން ވެރިކަމަށް އައި "ޕެކްޓް އޮފް ހޯޕް" ކޯލިޝަން ސަރުކާރު ވެއްޓުނީ އުމުރުން 94 އަހަރު މަހާތިރު މިދިޔަ ހަފުތާގެ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ބޮޑު ވަޒީރު ކަމަށް އަލުން ވަޑައިގަތުމަށް މަހާތިރު މަސައްކަތް ކުރެއްވި ނަމަވެސް އިދިކޮޅު ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަނުގެ ތާއީދާ އެކު ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވީ ކުރީގެ ދާޚިލީ ވަޒީރު މުހްޔިއްދީން ޔާސީން އެވެ.

އޭނާ ބޮޑު ވަޒީރަކަށް އައްޔަންކުރުމުން މަހާތިރު ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. މަހާތިރު ވިދާޅުވެފައި ވަނީ މުހްޔިއްދީން ވެރިކަމަށް ވަޑައިގެންނެވީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ނެތި ކަމަށެވެ. އަދި މުހްޔިއްދީން ޔާސީން އަށް ނުރުހުން ފާޅުކުރުމުގެ ގޮތުން ކުއާލަ ލަމްޕޫރުގެ އެކި ސަރަހައްދުތަކުގައި މިދިޔަ ހަފުތާ ބަންދުގައި ވަނީ ހިމޭން މުޒާހަރާތައް ބާއްވައިފަ އެވެ. މެލޭޝިއާގެ ގާނޫނު ބުނާ ގޮތުން ފުލުހުންގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި މުޒާހަރާތައް ބޭއްވުމަކީ މަނާ ކަމެކެވެ. އެހެންވެ އެ މުޒާހަރާތަކުގައި ބައިވެރިވި މީހުން ބުދަ ދުވަހު ވަނީ ފުހުން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އޭގެ ތެރޭގައި އާދިއްތަ ދުވަހު އޮތް މުޒާހަރާގައި ބައިވެރިވެވަޑައިގަތް މަހާތިރުގެ ދަރިކަނބަލުން މަރީނާ ވެސް ހިމެނެ އެވެ.

"މީގެ ދެ އަހަރު ކުރިން ކުރި މަސައްކަތުގައި ދިމާވި މިފަދަ ކަންކަމުގެ މަތިން މި ހާދިސާ އިން ހަނދާން އާކޮށްދީފި،" އުމުރުން 62 އަހަރުގެ މަރީނާ ބުންޏެވެ. "އާ ސަރުކާރަށް ދެ ދުވަސްވީ. އަނެއްކާވެސް އެކަން ތަކުރާރުވާން ފެށީ."

މަހާތިރުގެ ކޯލިޝަން ވެރިކަމަށް އައީ މިފަދަ ގާނޫނުތައް އިސްލާހު ކުރުމުގެ ވައުދާ އެކު އެވެ. ނަމަވެސް ދެ އަހަރުވީއިރު ސަރުކާރު ބަދަލުވެގެން ދިޔައިރު އެކަންކަން ފުރިހަމަކޮށްފައެއް ނުވެ އެވެ.

ބޮޑު ވަޒީރުގެ ކުރީގެ ނައިބް އަންވަރު އިބްރާހިމް ވެސް ހިމެނޭ މަހާތިރުގެ ކޯލިޝަނުން މިހާރު ވަނީ ޕާލަމެންޓުގެ ބައްދަލުވުންތައް ފަށާއިރު މުހްޔިއްދީންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ނިންމައިފަ އެވެ. ނަމަވެސް މާޗް 9 ގައި ފަށަން އޮތް ޕާލަމެންޓް މިހާރު ވަނީ މެއި 18 އަށް ފަސްކޮށްފަ އެވެ.