ވޫހާން ރޭލްވޭ ސްޓޭޝަނަށް ބޭސް ޖަހަން ސްޓާފުން މިއަދު ތައްޔާރުވެގެން. --ފޮޓޯ:އޭއެފްޕީ
24 މާޗް 2020 - 17:43
ވޫހާން (މާޗް 24) - ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ލޮކްޑައުންކުރި ޗައިނާގެ ވޫހާން ސިޓީ އަންނަ މަހު 8 ވަނަ ދުވަހުން ފެށިގެން މަޑުމަޑުން ހުޅުވާލާނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ވޫހާން ސިޓީ ހިމެނޭ ހުބެއި ޕްރޮވިންސްގައި ދަތުރުފަތުރު ކުރުމުގެ ހުއްދަ އަންގާރަ ދުވަހުގެ ރެއިން ފެށިގެން ދޭން ވަނީ ނިންމައިފަ އެވެ. އެކަމަކު ދަތުރު ކުރެވޭނީ ރޯގާގެ އެއްވެސް އަލާމާތެއް ނެތް ސިއްހަތު ސަލާމަތުން ތިބި މީހުންނަށް އެކަންޏެވެ.
ކޮރޯނާވައިރަހަށް ޕޮޒިޓިވް މީހެއް ވޫހާން ސިޓީން ނުފެންނަތާ ހަފުތާއެއް ފަހުން، އަންގާރަ ދުވަހު ވަނީ އެކަކު ފެނިފަ އެވެ. ޗައިނާ އިން ވޭތުވެދިޔަ 24 ގަޑިއިރު ރިޕޯޓްކޮށްފައި ވަނީ 78 ކޭސް އެވެ. މީގެ ތެރޭން ހަތަރު ކޭސް ފިޔަވައި ދެން މުޅިން ވެސް އެއީ ގައުމުން ބޭރުން އައި މީހުންނެވެ.
ޗައިނާގެ ރަސްމީ ޓީވީން ބުނީ ވޫހާން ސިޓީގެ ތިން އެއާޕޯޓެއް ބުދަ ދުވަހު ހުޅުވާލާނެ ކަމަށެވެ.
ޑިސެމްބަރު މަހު ފަހުކޮޅު ވޫހާން ސިޓީން ކޮރޯނާވައިރަސް ފެނުމާ ގުޅިގެން ޗައިނާ ސަރުކާރުން ހުބެއި ޕްރޮވިންސް ލޮކްޑައުން ކުރީ ޖެނުއަރީ 23 ވަނަ ދުވަހު އެވެ. ނަތީޖާއެއްގެ ގޮތުން ވަނީ 56 މިލިއަން މީހުން ބަންދުވެފަ އެވެ.
ޗައިނާ އިން މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 81،171 މީހުންނެވެ. މަރުވީ 3،277 މީހުންނެވެ. މުޅި ދުނިޔެއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 392،440 އަށް އަރައިފަ އެވެ. މަރުވި މީހުންގެ އަދަދަކީ 17،148 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy