ހުބެއި ޕްރޮވިންސްގެ މެދުތެރޭގެ ޔިޗަންގް އީސްޓް ރޭލްވޭ ސްޓޭޝަނުގައި ޓިކެޓް ގަންނަން މީހުން މިއަދު ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ
25 މާޗް 2020 - 14:16
ވޫހާން (މާޗް 25) - ދެ މަސް ދުވަހު ގޭ ބަންދުގައި ތިބުމަށް ފަހު ޗައިނާގެ ހުބެއި ޕްރޮވިންސްގެ އެއްގަމު ދަތުރުތައް ރޭ ހުޅުވާލުމުން ރޭލް އަދި ބަސް ސްޓޭޝަންތަކުގައި ދިގު ކިޔޫތަކެއް ހަދައިފި އެވެ.
ރޭލްވޭ ސްޓޭޝަންތަކުގެ އިތުރުން ހުބެއިގެ ބައެއް އެއާޕޯޓްތައް ވެސް ބުދަ ދުވަހު ހުޅުވާލާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ޗައިނާގައި ބަލި އެންމެ ބޮޑަށް ފެތުރުނު ވޫހާން ސިޓީ އަށް ވަންނަން އޮންނަ 30 ހައިވޭއެއް ވެސް ބުދަ ދުވަހު ހެނދުނު ވަނީ ހުޅުވާލައިފަ އެވެ.
ހުބެއި ޕްރޮވިންސް ހުޅުވާލުމާ އެކު ވަނީ އެކި ސިޓީތަކުގައި ބަންދުވެފައި ތިބި މީހުން އެ މީހުންގެ އަމިއްލަ ގެއަށް ދިއުމަށް އަވަސްވެ ގެންފަ އެވެ. ހުބެއި ޕްރޮވިންސްގެ ދަތުރުތައް ހުޅުވާލި ނަމަވެސް ދަތުރު ކުރުމަށް ހުއްދަ އޮންނަނީ ސިއްހަތު ރަނގަޅު މީހުންނަށް އެކަންޏެވެ.
ހުބެއި ޕްރޮވިންސްގެ މެދުތެރޭގެ ޔިޗަންގް އީސްޓް ރޭލްވޭ ސްޓޭޝަނުގައި ޓިކެޓް ގަންނަން މީހުން މިއަދު ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ
ހުބެއިގެ ސިޓީއެއް ކަމަށްވާ ޒިއާގަންގެ ޓީޗަރަކު ޒިންހުއާ ނިއުސް އެޖެންސީ އަށް ބުނީ ދެކުނުގެ ގުއާންޑޮން އަށް ދެވޭތީ އޭނާ ވަރަށް އުފާވެފައިވާ ކަމަށެވެ.
"ޒިއާގަންގައި ހުންނަތާ މިހާރު ދެ މަސްވެއްޖެ. އަމިއްލަ ގެއަށް ދެވޭތީ ވަރަށް އުފާވެ،" ސާދަ ގަޑީއިރުގެ ދަތުރަކަށް އެރުމުގެ ކުރިން އޭނާ ބުންޏެވެ.
ޑިސެމްބަރު މަހު ފަހުކޮޅު ވޫހާން ސިޓީން ކޮރޯނާވައިރަސް ފެނުމާ ގުޅިގެން ޗައިނާ ސަރުކާރުން ހުބެއި ޕްރޮވިންސް ލޮކްޑައުން ކުރީ ޖެނުއަރީ 23 ވަނަ ދުވަހު އެވެ. ނަތީޖާއެއްގެ ގޮތުން ވަނީ 56 މިލިއަން މީހުން ބަންދުވެފަ އެވެ. ވޫހާން ސިޓީ ވެސް އަންނަ މަހު 8 ވަނަ ދުވަހުން ފެށިގެން މަޑުމަޑުން ހުޅުވާލާނެ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަކުރަ
26 March 2020
އަވަހަށް ދޭ ދެން އަތު ޖެހުނު ސާމާނެއް ކާން.
ހުބެއި ބެޓު ސޫޕް
25 March 2020
އެނގިދާނެތާ ވާއެއްޗެއް ހުޅުވާލީމަ.