އެންއެޗްއެސް ސްޓާފުން ލީޑްސްގެ ޖޭމްސް ޔުނިވާސިޓީ ހޮސްޕިޓަލްގެ ބޭރުގައި. --ފޮޓޯ:ޕީއޭ
30 މާޗް 2020 - 13:19
ލަންޑަން (މާޗް 30) - ކޮރޯނާވައިރަހާ ދެކޮޅަށް އިނގިރޭސި ވިލާތުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) ގެ 20،000 އަށް ވުރެ ގިނަ ކުރީގެ ސިއްހީ އެހީތެރިން މަސައްކަތަށް ނުކުމެއްޖެ އެވެ.
ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުން ކަރަންޓީންގައި ހުންނެވި އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވަނީ މަސައްކަތަށް ނުކުންނެވި ޑޮކްޓަރުންނާއި ނަރުހުން އަދި ޕްރޮފެޝަނަލް މަސައްކަތްތެރިންނަށް، ވީޑިއޯ ލިންކެއް މެދުވެރި ކުރައްވައި، ޝުކުރު އަދާކުރައްވައިފަ އެވެ. އާއްމުންގެ ތެރޭން ވޮލަންޓިއާކޮށްގެން ޚިދުމަތަށް ނުކުތް 750،000 މީހުންނަށް ވެސް ބޮޑު ވަޒީރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ކޮވިޑް-19 ކޮމިޓީގެ ބައްދަލުވުމެއްގެ ރިޔާސަތު، ވީޑިއޯ ލިންކެއް މެދުވެރިކޮށް، ބޮޑު ވަޒީރު ޖޯންސަން ބަލަހައްޓަނީ. --ފޮޓޯ:ޕީއޭ މީޑިއާ
ޖޯންސަން ވިދާޅުވީ އެންމެން އެކަތިގަނޑަކަށް ވެގެން ގުޅިގެން މަސައްކަތް ކޮށްފި ނަމަ "މިކަމުން އަރައިގަނެވޭނެ" ކަމަށެވެ.
އިންގްލެންޑުގެ ޑެޕިއުޓީ ޗީފް މެޑިކަލް އޮފިސަރު ޑރ. ޖެނީ ހެރީސް ވިދާޅުވެފައި ވަނީ ގައުމުގެ ހާލަތު ހަމައަކަށް އެޅެން ހަ މަސް ދުވަސްވަރު ނަގާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިނގިރޭސި ވިލާތުގައި އެޅި ލޮކްޑައުން ފިޔަވަޅުތައް އަލުން މުރާޖައާ ކުރާނެ ކަމަށެވެ.
ޖޯންސަން ވިދާޅުވީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އިނގިރޭސި ވިލާތުން އަޅާ ފިޔަވަޅުތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ރޭލް ބޭނުން ކުރާ މީހުން 95 ޕަސެންޓް އަދި ބަސް ދަތުރުކުރާ މީހުން 75 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy