ބާލިން (މާޗް 31) - ކޮރޯނާވައިރަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޔޫރަޕުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ޖަރުމަނުން މަރުވާ މީހުންގެ އަދަދު ވަރަށް މަދުކަން ފާހަގަވާނެ އެވެ.
ޖަރުމަނުން މިހާތަނަށް 66،125 މީހުން ޕޮޒިޓިވްވެފައިވާ އިރު މަރުވެފައި ވަނީ 616 މީހުންނެވެ. އެކަމަކު ޔޫރަޕުގެ އެހެން ބައެއް ގައުމުތަކަށް ބަލާއިރު އިޓަލީން 101،739 މީހުން ޕޮޒިޓިވްވި އިރު އެ ގައުމުން ވަނީ 11،591 މީހުން މަރުވެފަ އެވެ. ސްޕޭނުން 85،195 މީހުން ޕޮޒިޓިވްވިއިރު 7،340 މީހުން ވަނީ މަރުވެފަ އެވެ. ފްރާންސް އިން 44،550 މީހުން ޕޮޒިޓިވްވެ، 3،024 މީހުން ވަނީ މަރުވެފަ އެވެ. އިނގިރޭސި ވިލާތުން ވަނީ 22،141 މީހުން ޕޮޒިޓިވްވެފަ އެވެ. މަރުވި މީހުންގެ އަދަދަކީ 1،408 އެވެ.
ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރޭ އެމެރިކާގައި 164،271 މީހުން ޕޮޒިޓިވްވެފައިވާ އިރު އެ ގައުމުން ވަނީ 3،170 މީހުން މަރުވެފަ އެވެ. އެމެރިކާ އިން އިއްޔެ ވަނީ 15،080 މީހުން ޕޮޒިޓިވްވެ 355 މީހުން މަރުވެފަ އެވެ.
ހިސާބުތަކުން ދައްކާ ގޮތުން ނިސްބަތުން ޖަރުމަނުން ޕޮޒިޓިވްވި މީހުންނާ ބަލާއިރު މަރުވި އަދަދު މަދުވި ސަބަބެއް ކަމަށް ބައެއް މީހުން ލަފާކުރަނީ އެ ގައުމުގައި ވަރަށް ފުޅާދާއިރާއެއްގައި ޓެސްޓް ކުރަމުން ގެންދިއުމެވެ. ވަރަށް އާދައިގެ އާލާމަތްތަކެއް ފެނުނު ނަމަވެސް އެއީ ޕޮޒިޓިވް ކޭހެއެއްގެ ގޮތުގައި ރެކޯޑް ކުރެ އެވެ. އެހެންވެ ޖަރުމަނުން ޕޮޒިޓިވްވި މީހުންނާ ޔޫރަޕުގެ އެހެން ގައުމުތަކުން ޕޮޒިޓިވްވި ކަމަށް ބުނާ އަދަދާ ގާތް ކުރީ އެވެ. ޔޫރަޕުން ޕޮޒިޓިވްވި ކަމަށް ރިޕޯޓްކޮށްފައިވާ އަދަދަކީ އެ ގައުމުތަކުގައި ބަލިޖެހިފައި ތިބި މީހުންގެ ނިސްބަތުން މަދު އަދަކަށް ވުން ވެސް އެކަށީގެންވެ އެވެ. މިސާލަކަށް އިޓަލީ، ސްޕޭން އަދި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގައި އާދައިގެ އާލާމަތްތަކެއް ފެންނަ މީހުން އެއީ ކޮރޯނާވައިރަހުގެ ކޭހެއެއްގެ ގޮތުގައި ނުބަލަ އެވެ.
އަނެއް ސަބަބެއް ކަމަށް ބެލެވެނީ ޖަރުމަނުގެ ހެލްތުކެއާ ކެޕޭސިޓީ މާބޮޑުތަން ރަނގަޅުވުމެވެ. ފްރާންސް، އިޓަލީ ނުވަތަ އިނގިރޭސި ވިލާތަށް ވުރެ ޖަރުމަނުގައި ފަރުވޭ ދެވޭނެ ނިޒާމްތައް މާބޮޑަށް ފުޅާވެފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން ހާލު ދެރަ މީހުންނަށް ވެސް ޖަރުމަނުގައި ދެވޭ ފަރުވާގެ ފެންވަރު މައްޗެވެ. ހާލު ދެރަ ގިނަ ބަޔަކަށް އެއް ފަހަރާ ފަރުވާ ދެވޭނެ ނިޒާމު ޖަރުމަނުގައި ވަނީ ގާއިމްކޮށްފަ އެވެ. އިޓަލީ އާއި ފްރާންސް އިން ވެސް މިހާރު ދަނީ ބަލި މީހުން އިތުރު ފަރުވާ އަށް ޖަރުމަނަށް ފޮނުވަމުންނެވެ. ޖަރުމަނުގައި ވެސް ކްރިޓިކަލް ހާލަތަށް ދާ މީހުން މާބޮޑު ތަނުން އިތުރުވެއްޖެ ނަމަ އެ ގައުމުގެ ހެލްތުކެއާ ސިސްޓަމަށް އޮބިނޯންނަ ހާލަތަކަށް ވެއްޓިދާނެ އެވެ.