ސިންގަޕޫރުން ބަލި މީހަކު ވަގުތީ ހޮސްޕިޓަލަކަށް ބަދަލުކުރަނީ. --ފޮޓޯ:އޭއެފްޕީ
14 އެޕްރީލް 2020 - 11:37
ސިންގަޕޫރު (އެޕްރީލް 14) - ކޮރޯނާވައިރަހަށް ސިންގަޕޫރުން ރެކޯޑް އަދަދެއް ކަމަށްވާ 386 މީހުން އިއްޔެ ޕޮޒިޓިވްވެއްޖެ އެވެ.
މީގެ ކުރިން އެއް ދުވަސްތެރޭ މިހާ ގިނަ އަދަދެއްގެ މީހުން ސިންގަޕޫރުން ޕޮޒިޓިވްވެފައެއް ނުވެ އެވެ. ހެލްތު މިނިސްޓްރީން ބުނީ ޕޮޒިޓިވްވާ މީހުން އިތުރު ވަނީ ބިދޭސީ މަސައްކަތު މީހުން އުޅޭ ޑޯމިޓަރީތަކުން ކަމަށެވެ.
ޕޮޒިޓިވްވާ މީހުން އިތުރުވާ އިރު ސިންގަޕޫރުން އިއްޔެ ވަނީ ކޮވިޑް-19 ޖެހިގެން އެ ގައުމުގެ 65 އަހަރުގެ މީހަކު މަރުވެފަ އެވެ. މިއީ ސިންގަޕޫރުން މަރުވި ނުވަ ވަނަ މީހާ އެވެ.
ސިންގަޕޫރުން މިހާތަނަށް ވަނީ 2،918 މީހުން ޕޮޒިޓިވްވެފަ އެވެ. ހެލްތު މިނިސްޓްރީން ބުނީ، އޭގެ ތެރޭން 586 މީހުން މުޅިން ރަނގަޅުވުމުން ދޫކޮށްލާފައިވާ ކަމަށެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭން ހޮސްޕިޓަލުގައި ފަރުވާ ދެނީ 1،158 މީހުންނަށެވެ. ގިނަ މީހުންގެ ހާލު ރަނގަޅެވެ. އައިސީޔޫގައި ފަރުވާ ދެނީ 29 މީހަކަށެވެ.
ޗައިނާގައި މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު އެ ރޯގާ އެންމެ ފުރަތަމަ ފެތުރެން ފެށި ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު ހިމެނެ އެވެ. ރޯގާ ކޮންޓްރޯލް ކުރުމުގައި ސިންގަޕޫރުން ވަނީ ނަމޫނާ ފިޔަވަޅުތަކެއް އަޅައިފަ އެވެ. ނަމަވެސް ޑޯމިޓަރީތަކުން ޕޮޒިޓިވްވާ މީހުން އިތުރުވާން ފެށުމުން މިހާރު ވަނީ ދެ ވަނަ ރާޅެއްގެ ބިރު ބޮޑުވެފަ އެވެ.
ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ބައިބޯ ޑޯމިޓަރީތަކުން ބިދޭސީން ނެެރެން ފަށައިފަ އެވެ. ބިދޭސީ މަސައްކަތްތެރިން މިހާރު ދަނީ ސިފައިންގެ ބެރެކްސް އާއި ހުސް އެޕާޓްމަންޓް ފަދަ ތަންތަނަށް ބަދަލު ކުރަމުންނެވެ.
ސިންގަޕޫރުގެ 43 ޑޯމިޓަރީގައި 200،000 އަށް ވުރެ ބިދޭސީ މަސައްކަތު މީހުން އުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޓެޕިން
14 April 2020
ބަންގާޅީން ބޭރުކުރުން ވަރައް މުހިއްމު ގަވައިދާ ޚިލާފު އެއްމެން ބޭރުކުރަންޖެހޭ
ވިސްނަވާ
14 April 2020
ބަންގާޅު މީހުންގެ ތެރޭގައި ފެތުރެނީ. މިއީ ރާއްޖެއަށްވެސް އޮތް ބޮޑު ނުރައްކަލެއް.