ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕުގައި ވައިރަސް ފެތުރެނީ

ކޮކްސް ބާޒާރު (މެއި 15) - ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕުގެ ގޮތުގައި ބެލެވޭ ބަންގްލަދޭޝްގައި ރޮހިންޖާ ރެފިއުޖީން އުޅޭ ކޭމްޕުގައި ކޮރޯނާވައިރަސް ފެތުރެން ފަށައިފި އެވެ.


ކޮކްސް ބާޒާރުގެ ރެފިއުޖީ ކޭމްޕުން މިހާތަނަށް ވަނީ ދެ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މިއީ އެ ކޭމްޕުން ބަޔަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. ސަރުކާރުގެ ޑޮކްޓަރަކު ބުނީ އެ ރެފިއުޖީ ކޭމްޕުގައި ގާތްގަނޑަކަށް މިލިއަނެއްހާ މީހުން ދިރިއުޅޭ ކަމަށެވެ.

ޕޮޒިޓިވްވި ދެ މީހުން އެކަހެރިކޮށްފައިވާ އިރު އެ މީހުންނާ ކޮންޓެކްޓްވި ކަމަށް ބެލެވޭ 1،900 މީހުން ވަނީ ޓެސްޓް ހެދުމަށް އައިސޮލޭޓްކޮށްފަ އެވެ. ރޮހިންޖާ ކޭމްޕުގައި ރެފިއުޖީން މާޗް 14 އިން ފެށިގެން ދިރިއުޅެނީ ލޮކްޑައުން ހާލަތުގަ އެވެ.

ކޮކްސް ބާޒާރުގެ ރެފިއުޖީ ކޭމްޕުގައި ކޮރޯނާވައިރަސް ފެތުރިދާނެކަމުގެ އިންޒާރު އެހީދޭ އެޖެންސީތަކުން ދޭތާ އެތައް ދުވަހެއް ވެއްޖެ އެވެ.

"މިހާރު އެ ވަނީ އެ ކޭމްޕަށް ވައިރަސް ވަދެފައި. ކޮވިޑް-19 އެތައް ހާސް ބަޔަކަށް ޖެހި އެތައް ބަޔަކު މަރުވެދާނެކަމުގެ ބިރު މިހާރު ބޮޑު،" ސޭވް ދަ ޗިލްރަންގެ ހެލްތު ޑިރެކްޓަރު ޑރ. ޝާމިން ޖަހަން ވިދާޅުވި އެވެ.