ޖިއްދާ (މެއި 22) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ގާތިލުންނަށް އޭނާގެ އާއިލާ އިން މާފްކޮށްފި އެވެ.
ސައުދީ ސަރުކާރާ ދެކޮޅަށް ވޮޝިންޓަން ޕޯސްޓުގައި ލިޔަމުން ދިޔަ ޚާޝުގްޖީގެ ފިރިހެން ދަރިފުޅު ސަލާހު ޚާޝުގްޖީ ޓްވިޓާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2018 ވަނަ އަހަރު ބައްޕަ މަރާލުމުގައި ބައިވެރިވި އެންމެންނަށް އާއިލާ އިން މާފްކޮށްފައިވާ ކަމަށެވެ.
"ރޯދަ މަހުގެ މި މާތް ރޭ، މާތް ﷲ ގެ މަތިވެރި ބަސްފުޅުގެ މަތިން ހަނދާން އާކުރާ ހާލު، "މީހަކަށް މާފްކޮށް، ސުލްހަވެއްޖެ ނަމަ، ﷲ ގެ ހަޟުރަތުން މަތިވެރި ދަރަޖަ ލިބޭނެ" ކަމަށްވާތީ، އަޅުގަނޑުމެން (ޝަހީދު ޖަމާލް ޚާޝުގްޖީގެ ފިރިހެން ދަރިން) ވަނީ ބައްޕަ މަރާލި ގާތިލުންނަށް މާފްކޮށްފައި،" ސަލާހު ރޭ ކުރި ޓްވީޓުގައި ބުނެފައިވެ އެވެ.
ވޮޝިންޓަން ޕޯސްޓުގައި ލިޔަމުން ދިޔަ ކޮލަމިސްޓް މަރާލީ އޮކްޓޯބަރު 2، 2018 ގައި، ސައުދީ ކޮންސިއުލޭޓަށް ވަން ފަހުންނެވެ. ޚާޝުގްޖީ މަރާލި ކަމަށް ތުރުކީން ތުހުމަތުކޮށްފައި ވަނީ ސައުދީން ފޮނުވި 15 މީހުންގެ ޓީމަކުންނެވެ.
އޮކްޓޯބަރު 2 ވަނަ ދުވަހު ކޮންސިއުލޭޓަށް ވަން މަންޒަރު ސީސީޓީވީގައި ރެކޯޑްކޮށްފައި ހުއްޓެވެ. އޭނާގެ ތުރުކީ ލޯބިވެރިޔާ ހުރީ ކޮންސިއުލޭޓުގެ ބޭރުގަ އެވެ. ކޮންސިއުލޭޓަށް ވަން ގޮތަށް ޚާޝުގްޖީ ނުކުމެފައެއް ނުވެ އެވެ. ޖެހިގެން އައި ދުވަހު ވޮޝިންޓަން ޕޯސްޓުން ވަނީ ޚާޝުގްޖީ ގެއްލުނު ކަމަށް ރިޕޯޓްކޮށްފަ އެވެ.
އޮކްޓޯބަރު 20 ވަނަ ދުވަހު ސައުދީ ސަރުކާރުން ވަނީ ކޮންސިއުލޭޓް ތެރޭ ޚާޝުގްޖީ މަރާލާފައިވާ ކަމަށް އެއްބަސްވެފަ އެވެ. އަދި އެއީ ކޮންސިއުލޭޓް ތެރޭ ހިންގި ތަޅާފޮޅުމެއްގައި ކަމަށް ވެސް ބުނެފައިވެ އެވެ. ސައުދީގެ އޭރުގެ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބައިރު ފޮކްސް ނިއުސް އަށް އޮކްޓޯބަރު 21 ވަނަ ދުވަހު ވިދާޅުވެފައި ވަނީ ޚާޝުގްޖީ މަރާލުމަކީ ބަޔަކު ހިންގި ވަރަށް ގޯސް އަމަލެއް ކަމަށާއި އެ ބަޔަކު އެކަން ކޮށްފައި ވަނީ "ސައުދީ ސަރުކާރުގެ ބާރުގެ ބޭރުން" ކަމަށެވެ.
ޝުގްޖީގެ މަރާލުމުގައި ބައިވެރި ކަމަށް ބެލެވޭ 11 މީހެއްގެ ޝަރީއަތް ފެށިކަން މިދިޔަ އަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހު ސައުދީގެ އެޓާނީ ޖެނެރަލް އިއުލާން ކުރެއްވި އެވެ. އަދި ޑިސެމްބަރު 2019 ގައި ވަނީ އެ މައްސަލާގައި ފަސް މީހަކު މަރަން ސައުދީގެ ކޯޓަކުން ހުކުމްކޮށްފަ އެވެ.